ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 އިން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިން ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށެވެ.
ކުރިމަތިލާ މީހަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތައުލީމު ހާސިލުކުރަމުން އަންނަ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން މަރުކަޒަކުން ކިޔަވަމުން އަންނަ ފަރާތަކަށް ވެގެން ނުވާނެކަމަށް ޓްރީ ޓޮޕް އިން މައުލޫމާތުދެއެވެ.
ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އޮންނާނެއެވެ. މި އަހަރު ވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިން ކޯސްތަކަށް ސްކޮލަޝިޕް ދޭއިރު، ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 15 އިން 30 އަށެވެ.
މި ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7350642 ނަމްބަރަށް ގުޅުމަށާއި އަދި ސްކޮލަޝިޕަށް އެދި ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް education@treetophospital.com ހުށަހެޅުމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެއެވެ. އޭގެ ތެރެއިން 7 ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެއެވެ.