އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާ އަށް ދިން ހަމަލާއާ ގުޅިގެން މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށް، ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެއްޖެއެވެ.
އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބައެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ވިދާޅުވީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށާއި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކާއި ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި އެގޮތުން މި ހަމަލާއަށް ދޭނެ ރައްދަކާއި ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
އަދި ސުލްހައަށް އޮތް ކޮންމެ ފުރުސަތެއް ވެސް ހަލާކުކޮށްލުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ މަސްލަހަތަށް މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ކަމަށްވެސް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މި ހަމަލާ ދިނުމުގެ ކުރިން އެކަން އެމެރިކާއިން ގަތަރު ސަރުކާރަށް އެންގި ކަމަށް ބުނާ ވާހަކަތައް ވެސް ބޮޑުވަޒީރު ދޮގުކުރެއްވިއެވެ. އެގޮތުން ހަމަލާއާ ގުޅޭ މައުލޫމާތު އެމެރިކާއިން ގަތަރާއި ހިއްސާކުރީ ހަމަލާދިން ފަހުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އިޒްރޭލުން ގަތަރަށް ވައިގެ ހަމަލާއެއް ދީފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެންނަން ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެއް ގައުމަކީ ވެސް ގަތަރެވެ.