ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ ރައްޔިތުން ދިރިއުޅެމުންދިޔަ އުސް އިމާރާތްތަކަކަށް ބޮން އަޅައި ބިމާ ހަމަކޮށްލައިފި

އިސްރާއީލުގެ ސިފައިން، ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމާގައި، މަޖުބޫރުން ބަނޑަށްޖެއްސުމުގެ ޢަމަލުތަކުގެ ތެރެއިން، ޣައްޒާ ސިޓީގެ އިތުރު އުސް އިމާރާތްތަކަކަށް ހަމަލާދީ ބޮންއަޅައި ފުނޑުފުނޑުކޮށްލައިފިއެވެ.

މި ހަމަލާތަކުގެ ކުރިން، ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ސިފައިން ވަނީ ރައްޔިތުންނަށް އިންޒާރުދީ، އެ ސަރަހައްދުން ނުނިކުމެއްޖެނަމަ މަރުވެދާނެކަމުގެ ބިރުދައްކާފައިވެއެވެ. ހޮނިހިރު ދުވަހު އިސްރާއީލުގެ ސިފައިން ވަނީ އިތުރު އުސް އިމާރާތްތަކެއް އަމާޒުކުރާނެކަމުގެ ޗާޓެއް ޢާންމުކޮށްފައެވެ. މި ޗާޓު ޢާންމުކުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި، ޔޫ.އެން.އާރު.ޑަބްލިއޫ.އޭ (UNRWA) ގެ އިމާރާތެއްގެ ކުރިމަތީގައި ހުރި 15 ބުރީގެ ސޫސީ ޓަވަރަށް ބޮންއަޅާ ވަނީ ފުނޑުފުނޑުކޮށްލާފައެވެ.

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ހާނީ މަޙްމޫދު ބުނީ، މި ހަމަލާތަކުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، މި އިމާރާތްތަކުން ނިކުތުމަށް ދެވޭ ވަގުތު އެއްގޮތަކަށްވެސް އެކަށީގެންވާ ވަރަށްވުރެ މަދެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، މި އިމާރާތްތަކަކީ ހަމާސްއިން އިސްރާއީލުގެ ސިފައިންގެ ހަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ތަންތަން ކަމަށެވެ. އަދި މި ސަރަހައްދުގައި ގިނަ އަދަދެއްގެ ގޮވާ ތަކެތި ވަޅުލާފައިވާ ކަމަށާއި، ބިމުގެ އަޑިން ހޮޅިއެއް އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މި ދަޢުވާތަކަށް އެއްވެސް ހެއްކެއް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން މި ދަޢުވާތައް ދޮގުކޮށް، މިއީ ރައްޔިތުންނާއި އާންމު ވަސީލަތްތަކަށް އަމާޒުކުރުމަށް އިސްރާއީލުން ގެންގުޅޭ އޮޅުވާލުމުގެ ސިޔާސަތުގެ ބައެއް ކަމަށް ބުނެފައިވެއެވެ. މީޑިއާ އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ޣައްޒާގެ 90 އިންސައްތަ ވަސީލަތްތައް އިސްރާއީލުން ވަނީ ހަލާކުކޮށްލާފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އަދި ބައެއް ޤައުމުތަކުގެ ފާޑުކިޔުންތަކާ އެކުވެސް، އިސްރާއީލުން ޣައްޒާ ސިޓީ ހިފަން ކުރަމުންދާ އިންސާނިއްޔަތުކަމެއްނެތް ހަނގުރާމަ ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން، ހުކުރު ދުވަހު 12 ބުރީގެ މުޝްތަހާ ޓަވަރު ވެސް ވަނީ ބޮންއަޅައި ފުނޑުފުނޑުކޮށްލާފައެވެ.

ޔޫ.އެން.އާރު.ޑަބްލިއޫ.އޭގެ ތަމާރާ އަލްރިފާއީ ވިދާޅުވި ގޮތުގައި، މިފަދަ ހަމަލާތަކަކީ މުޅި ސަރަހައްދުތަކާއި، އިމާރާތްތަކާއި، އާއިލާތަކާއި އަދި ވަކިވަކި ފަރުދުންގެ ދިރިއުޅުން ފުހެލުމަށް ދީފައިވާ ހަމަލާތަކެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއަށްފަހު، އިސްރާއީލުން ޣައްޒާއަށް ފެށި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 64,368 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އަދި 162,367 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީން މުސްލިމުންނަށް ދެމުންދާ މިހަމަލާތަކަކީ އެމެރިކާއާއި އަދި ބައެއް އެހެން ޤައުމުތަކުގެ ބައިވެރިވުމާއިއެކު، މުސްލިމުންގެ ނަސްލެއް ނައްތާލުނަށް ދެވޭ ހަމަލާތަކެކެވެ.

ގުޅުންހުރި ލިޔުންތައް