ރަޝިއާގެ ފަރާތުން ފޯރުކޮށްދިން މެޑިކަލް ސާމާނާއި ކުއްލި ހާލަތްތަކުގައި ބޭނުންވާ ސާމާނު ހިމެނޭ 11 ޓަނުގެ އިންސާނީ އެހީގެ ޝިޕްމެންޓެއް، އަސްތާރާ ބޯޑަރު ހުރަސްކޮށް އީރާނަށް ވައްދައިފިއެވެ.
އަސްތާރާ ކައުންޓީގެ ގަވަރުނަރު އަލީ ދަރުމާނީ މި އެހީގެ ޝިޕްމެންޓް ލިބުނުކަން އިއުލާނު ކުރައްވަމުން ވިދާޅުވީ، މި އެހީއަކީ އީރާނާއި ރަޝިއާއާ ދެމެދު އޮތް އިންސާނީ އެއްބާރުލުމުގެ ދަށުން، ހަނގުރާމައިގެ ހާލަތުގައި އީރާނަށް ގެނެވުނު އެހީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، 11 ޓަނުގެ ބަރުދަން ހުރި މި ޝިޕްމެންޓްގައި ހިމެނެނީ ކުއްލި ހާލަތްތަކުގައި އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި، ބޭހާއި، މެޑިކަލް ސާމާނެވެ. އެގޮތުން އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި އީރާނުގެ އެކި ޕްރޮވިންސްތަކަށް ރެޑް ކްރެސެންޓްގެ ނެޓްވޯކް މެދުވެރިކޮށް ބަހާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެއެވެ.
ރަޝިޔާއިން އީރާނަށް ފޯރުކޮށްދިން އެހީގެ ތަކެތީގެ ތެރޭގައި އަސާސީ ބޭހާއި، އަސާސީ މެޑިކަލް އާލާތްތަކާއި، ކުއްލި ހާލަތްތަކުގައި އެހީވާ ބަންޑަލްތަކާއި، ކްރައިސިސް މެނޭޖްމަންޓަށާއި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން ސާމާނު ހިމެނެއެވެ. އަދި މި ޝިޕްމެންޓްގެ ސަބަބުން ކުއްލި ހާލަތްތަކުގައި އީރާނުގެ ރެޑް ކްރެސެންޓްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް އަލީ ދަރުމާނީ ވިދާޅުވިއެވެ.
އީރާނާއި ރަޝިއާއާ ދެމެދު އޮންނަ ސިޔާސީ އަދި އިގުތިޞާދީ ގުޅުންތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ޚާއްޞަކޮށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައި، ދެ ގައުމު ގުޅިގެން ވިޔަފާރިއާއި، ހަކަތައާއި، ސަލާމަތީ ކަންކަމުގައި ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން މިފަދަ އިންސާނީ އެހީގެ އެއްބާރުލުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އިތުރު ރަމުޒެކެވެ.
މިހާރު އީރާނު ހިމެނޭ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާތެރި ހާލަތްތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ބޭސްފަރުވާއަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. މިފަދަ ދަނޑިވަޅެއްގައި ބޭރު ގައުމުތަކުން ލިބޭ އިންސާނީ އެހީއަކީ އެ ގައުމުގެ ސިއްހީ ނިޒާމަށާއި އާންމުންގެ ދިރިއުޅުމަށް ދިރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.



