ނޭޕާލްގައި ހިނގި ފެން ބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 1،100 އަށްވުރެ މައްޗަށް އަރައިފިއެވެ.
ނޭޕާލްގައި މި ހާދިސާ ހިނގީ އެ ގައުމާއި ޓިބެޓް ބޯޑަރު ސަރަހައްދުގެ އުސް ފަރުބަދަތަކުގެ މަތިން މާސިންގާ ގަނޑުފެންގަނޑެއް ކުއްލިއަކަށް ކަނޑައިގެން ގޮސް ވެއްޓި ބޮޑު ކޯރެއްގެ ފެންގަނޑު ފަރުބަދަތަކުގެ ތެރެއިން ދެމިގެން ނުދާ ގޮތަށް ބަންދުވެގެންނެވެ. އަދި ކުއްލި ފެންބޮޑުވުމެއް ކުރިމަތިވިއެވެ. އެ ހާދިސާގައި މުޅި ސަރަހައްދު އެއްކޮށް ހަލާކުވެގެން ދިޔައިރު އެތައް ސަތޭކަ ބަޔަކު މަރުވެ ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
ފެންބޮޑުވި ހާދިސާގެ ފަހުގެ މައުލޫމާތަށް ބަލާއިރު، ނޭޕާލުގައި 1،114 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީން ބުނެފައިވެއެެވެ.
ނޭޕާލުން ގެއްލުނު މީހުންގެ އަދަދު 3،916 އަށް ދަށްވެފައިވާކަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެ އަދަދު ދަށްވެފައި ވަނީ ގެއްލުނު މީހުން ހޯދުމުގެ އޮފަރޭޝަންތައް ފުރިހަމަ ކަމާއެކީ ކުރިއަށް ގެންދިއުމުންނެވެ. އެގޮތުން ސަލާމަތީ އޮޕަރޭޝަންތައް ހިންގުމަށް 21،000 އަށްވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާ ކަމަށްވެއެވެ.
ނޭޕާލުން ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ގައުމެއްގެ 583 ބިދޭސީން ހިމެނެއެވެ. ގެއްލިފައިވާ ބިދޭސީންގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއްގެ ގޮތުގައި އިންޑިއާ މީހުން ހިމެނޭއިރު، ނޭޕާލުން އެ ގައުމުގެ 275 ރައްޔިތުންނާއި އިންޑިއާގެ ނަސްލުގެ އިތުރު 128 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
އެމެރިކާގެ 85 ރައްޔިތުން ގެއްލިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި ނޭޕާލްގެ ޓޫރިސްޓް ބޯޑާއި އެމްބަސީތައް ހިމެނޭ ގޮތަށް ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭންގެ 62 މީހުންނާއި މެލޭޝިއާގެ 51 މީހުންނާއި އޮސްޓްރޭލިއާގެ 42 މީހުންނާއި އިނގިރޭސިވިލާތުގެ 33 ރައްޔިތުން ވެސް ގެއްލިފައިވެއެވެ.



