އެމެރިކާގެ ސަބްމެރީނަކުން ބައިނަލް އަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ބައިނަލް އަޤްވާމީ ގާނޫނު ތަކާއި ޚިލާފަށް ދިން ހަމަލާއެއްގައި ޝަހީދުވި އީރާނުގެ 87 ނޭވީ ސިފައިންގެ ހަށިތައް، އީރާނާ ހަވާލުކުރުމަށް ސްރީލަންކާގެ ގާލީ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި ނިންމުން އައީ މި މީހުން ޙަވާލުނުކުރުމަށް އެމެރިކާގެ އެމްބަސީން ލަންކާ ސަރުކާރަށް ބާރުއަޅަމުން ދަނިކޮށެވެ. މާޗް 4 ވަނަ ދުވަހު ލަންކާގެ ކަނޑުގެ ސަރަހައްދުން ބޭރުން، އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ ’އައި.އާރު.އައި.އެސް ދެނާ‘ އަށް ދިން ޓޯޕިޑޯ ހަމަލާއެއްގައި 87 މީހުން މަރުވިއެވެ. މީގެ ތެރެއިން 32 މީހަކު ސަލާމަތްކުރެވުނެވެ. އެމަނަވަރަކީ އިންޑިއާގައި ބޭއްވުނު ނޭވީ ތަމްރީނެއްގައި ބައިވެރިވުމަށް ދިޔަ މަނަވަރެކެވެ.
ލީކުވެފައިވާ އެމެރިކާގެ ޑިޕްލޮމެޓިކް ކޭބަލްތަކުން އެނގޭ ގޮތުގައި، އެމެރިކާއިން ބޭނުންވީ ސަލާމަތްވި މީހުންނާއި ހަށިގަނޑުތައް އީރާނާ ހަވާލުނުކޮށް ހިފެހެއްޓުމަށެވެ. މަރުވެފައިވާ ސިފައިންގެ ހަށިތައް ނުދިނުމަށާއި، ސަލާމަތް ކުރެވުނު ސިފައިންވެސް އަނބުރާ އީރާނަށް ނުފޮނުވުމުގެ އިތުރުން ސްރީ ލަންކާގެ ޓްރިންކޮމަލީގެ ބަނދަރެއްގައި އޮތް އީރާނުގެ އެހެން މަނަވަރެއް ކަމުގައިވާ އައި.އާރ.އައި.އެސް ބުޝޭރު ގެ 208 ނޭވީ ސިފައިންވެސް ހިފަހައްޓައި ދިނުމަށްވެސް އެމެރިކާ އިން އެދިފައިވެއެވެ. އަދި އެމީހުން އީރާނަށް ޚިޔާނަތްތެރިވެ އެހެން ގައުމަކުން ޙިމާޔަތް ހޯދާ ”ޑިފެކްޓް“ ކުރުމަށް ބާރުއަޅައި ދިނުމަށްވެސް އެދިފައި ވެއެވެ.
އެމެރިކާގެ އެދުމަށް ފުރަގަސްދީ، ސްރީލަންކާގެ ކޯޓުން ނިންމީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އިހުތިރާމްކޮށް، މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ ގައުމަށް ފޮނުވާލުމަށެވެ.



