ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އާދައިގެ މަތިން ޔުނައިޓެޑްގެ ކޯޗު މަގާމުން ވަކިކޮށް ބޭރުކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހަގް ވަކިކޮށްފި އެވެ.

މިދިޔަ 10 އަހަރުތެރޭ، ޔުނައިޓެޑާ ހަވާލުވި އެއްވެސް ކޯޗަކަށް ކޮންޓްރެކްޓް ފުރިހަމަ ނުކުރެވުނެވެ. އެހެންކަމުން ކޯޗުން ވަކިކުރުމަކީ މިހާރު ޔުނައިޓެޑުން އާންމުކަމެކެވެ. ލެޖެންޑް ކޯޗު އެލެކްސް ފާގަސަންގެ ފަހުން އެ ޓީމާ ހަވާލުވި ކޮންމެ ކޯޗަކު ވެސް ކްލަބް ދޫކޮށްލަން ޖެހުނީ މަގާމުން ވަކި ކުރުމުންނެވެ. 

ލުއިސް ވެން ހާލް އާއި މަޝްހޫރޫ ހޯޒޭ މޮރީނިއޯ އަށް ވެސް މަގާމުން ވަކި ކުރީ އެވެ. 

ކުރިން އަޔެކްސްގައި ކާމިޔާބު ހޯދި ޓެން ހަގް މަގާމުން ވަކި ކުރީ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން ބަލިވުމުންނެވެ. ހަފުތާ ބަންދުގައި ކުޅުނު ޔޫރޮޕާ ލީގު މެޗުގައި ފެނަބާޗޭ އަތުން ވީ އެއްވަރެވެ. 

ޔުނައިޓެޑްގެ ވަގުތީ ކޯޗަކީ، އެ ޓީމުގެ ކުރީގެ ސްޓައިކަރު އަދި ޓެން ހަގްގެ އެސިސްޓެންޓެއްގެ ގޮތުގައި މި ސީޒަނުގައި މަސައްކަތް ކުރި ރޫޑް ވެން ނިސްޓްރޯއީ އެވެ. ބުދަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ. 

އެ ކްލަބްގެ ކޯޗުކަން ހުށަހަޅާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓެވެ. އަދި ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކަށް ވެސް މަގާމު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.

ޓެން ހަގް މަގާމުން ވަކި ކުރި އިރު ޔުނައިޓެޑް އޮތީ ލީގުގެ 14 ވަނައިގަ އެވެ. މިދިޔަ އަހަރު އެ ޓީމުން ލީގު ނިންމާލީ 10 ވަނައިގަ އެވެ. އެއީ 1990 ގެ ފަހުން އެ ޓީމުން ލީގު ނިންމާލީ އެންމެ ދަށް ސީޒަނެވެ.

ގުޅުންހުރި ލިޔުންތައް