ކޯޓް އޮފް އާބިޝަން ފޯ ޕޯޓްސް (ކ) އިން ކުރި ނިންމުމަކާ ގުޅިގެން، 2025 ވަނަ އަހަރުގެ އެފްރަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިޔަންކަން ސެނެގޯލްއަށް އަލުން ލިބިއްޖެއެވެ.
މިއާއެކު، މީގެ ކުރިން މި މުބާރާތުގެ ތަށި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކެފް) އިން މޮރޮކޯއަށް ދިން ނިންމުން ވަނީ ބަދަލުކުރެވިފައެވެ.
ޖެނުއަރީ 18 ވަނަ ދުވަހު ރަބާތުގައި ކުޅުނު ހަމަނުޖެހުން ބޮޑު ފައިނު މެޗުގައި 1-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް ސެނެގޯލް މުބާރާތުގެ ތަށި ހޯދާފައިވަނޮށް، މާޗް މަހުގެ ތެރޭގައި ކެފްއިން ވަނީ އެ ތަށި ސެނެގޯލްގެ އަތުން އަތުލާފައެވެ. އެހެންނަމަވެސް، ކެފްގެ އެ ނިންމުމާ ދެކޮޅަށް ސެނެގޯލްއިން ކެކްއަށް ހުށަހެޅި އިސްތިއުނާފު ކާމިޔާބުވުމާ ގުޅިގެން، އެ ޤައުމަށް އަލުން ތަށި ވަނީ ލިބިގެން ގޮސްފައެވެ.
ކެފްއިން ކުރިން ކަނޑައަޅާފައި އޮތީ މޮރޮކޯއަށް ދިން ޕެނެޓީއަކާ ގުޅިގެން ސެނެގޯލްގެ ކުޅުންތެރިން ދަނޑުން ފޭބުމުން އެ މެޗުން އެ ޓީމު ބަލިވެފައިވާ ކަމަށެވެ. ނަމަވެސް، 14 މިނެޓަށް ފަހު ސެނެގޯލްގެ ކުޅުންތެރިން އެނބުރި ދަނޑަށް އައިސް އިތުރު ވަގުތުގެ ކުޅުމުގައި ލަނޑުޖަހައި މެޗު ކާމިޔާބުކޮށްފައިވެއެވެ.
ކެކްގެ ޕެނަލް ހިންގެވީ ފަރަންސޭސި ސްޕޯޓްސް ލޯ އެކްސްޕާޓް ޖެރަލ ސިމޮންއެވެ. އަދި އެ މަނިކުފާނަށް އެހީތެރިވެދެއްވީ އިޓަލީގެ ބައިނަލްއަޤުވާމީ ޤާނޫނާ ބެހޭ ފެސަރު ލުއިޖީ ފުމަގީ، ހެމްބާގަށް ނިސްބަތްވާ ޤާނޫނީ ވަކީލު އަދި ޒިއުރިކް ޔުނިވަރސިޓީގެ ޤާނޫނީ ފެސަރު އލްރިހް ހާސް ކަމަށް ކެކްގެ ސެކްރެޓަރީ ޖެނެރަލް މެތިއު ރީބް ބުނެފައިވެއެވެ. މި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ”ރެފްރީ ޤާނޫނީ އެއްވެސް ކުށެއް ކޮށްފައި ނުވާ“ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސެނެގޯލްގެ ފުޓްބޯޅަ އިދާރާއިން ބުނެފައިވަނީ ކެފްގެ ނިންމުމަކީ ފުޓްބޯޅައިގެ އަސާސްތަކާ ޚިލފު ކަމެއް ކަމަށެވެ. އަދި ސެނެގޯލްގެ ވަކީލު ޔުން ޑިއޯސް ކްރެސްޕޯ ޕެރޭޒް ވިދާޅުވެފައިވާ ގޮތުގައި، ކެފްގެ އެ ނިންމުމަކީ ”ޙަޤީޤީ ކުޅިވަރު ޢަދުލުވެރިކަމެއް ކަމަށް ބެލެވެންވެސް ނެތް، ވަރަށް ހުތުރު، ބުއްދި ޤަބޫލުނުކުރާ އަދި ހަޤީޤަތާ ޚިލާފް“ ނިންމުމެކެވެ.
މެޗުގެ ދެވަނަ ހާފުގައި މޮރޮކޯއަށް ލިބުނު ޕެނެޓީއަކާ ގުޅިގެން ސެނެގޯލްގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރެފްރީ ޖިން-ޖެކްސް އެންޑަލާ ވީ.އޭ.އާރު މެދުވެރޮށް މޮރޮކޯގެ ފޯވަޑް ބްރަހީމް ޑިއާޒަށް ކުރި ފައުލަކަށް މި ޕެނެޓީ ދިނުމުން، ސެނެގޯލްގެ ކުޅުންތެރިން ދަނޑުން ފޭބީއެވެ. އެހެންނަމަވެސް، ފަހުން އެނބުރި އައިސް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕަޕޭ ގުއޭ ކާމިޔާބުކޮށްދިން ލަނޑުން ސެނެގޯލް ވަނީ 2 ވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިޔަންކަން ހޯދާފައެވެ.



