spot_img

ދިވެހި ޕްރިމިއާ ލީގު: ނިއު ރޭޑިއަންޓް ބަލިކޮށް ވިކްޓަރީއަށް 6 ޕޮއިންޓްގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފިއެވެ.

މިއީ، މި ފަހަރު ލީގުގައި ނިއު ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން މި ވަގުތު ބަލިނުވެ އޮތީ ވިކްޓަރީ އެކަންޏެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ވިކްޓަރީން ލީޑުނެގިއެވެ. ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން އޭރިއާތެރެއިން ވިކްޓަރީގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ ބޮލުން ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި، ގޯލުގެ ރޮނގު ހުރަސްކުރީ ކީޕަރު ފައިސަލް އަތުގައި ވެސް ޖެހިފައެވެ.

އެއަށްފަހު ނިއުގެ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާ، އޭރިއާބޭރުން ފޮނުވާލި ބޯޅެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ. މެޗުގައި ނިއު އިން އެއްވަރުކުރި ލަނޑު ޖެހީ 31 ވަނަ މިނިޓްގައެވެ. ނިއުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ނަސިމެންޓޯ (ޑޯރީ) ހުރަސްކޮށްލި ބޯޅައެއް، އެ ޓީމުގެ މުހައްމަދު ނާއިމް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ނިއު އާއި ވިކްޓަރީން ވެސް ފުރަތަމަ ހާފު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ހިނގި ހަމަނުޖެހުމަކަށް ފަހު، ނިއުގެ ނާއިމް އާއި ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، މިރްޖަލޯލް ކަސީމޯވް އަށް ރަތެއް ދެއްކުމުންނެވެ.

މެޗުން މޮޅުވި ލަނޑު ވިކްޓަރީން ޖެހީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ދާދު ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، އަހުމަދު ރިޒްވާން (ރިޒޭ)، މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ގޭރޯ ޖެހި ގޯލެކެވެ. ގޭރޯ އަކީ މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު ކުޅުންތެރިއެކެވެ.

ނިއު އިން ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިގެން ގޯލެއް ޖަހައި އެއްވަރުކުރޭވޭތޯ ބެލިއެވެ. އިތުރު ވަގުތުގެ ތެރޭގައި ދަގަނޑޭ ނެގި ހުރަހަކުން ޑޯރީ ބޮލުން ޖެހި ބޯޅަ ވިކްޓަރީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.

މި މެޗަށްފަހު ވިކްޓަރީ، އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކުއެވެ. ވިކްޓަރީ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނިއު އާއި ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަދި ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 11 ޕޮއިންޓް ލިބިފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް