- Advertisement -spot_img

ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑަށް އިންގްލެންޑުން ނިމުން ގެނެސްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑުން 3-2 އިން ސްޕެއިންގެ މައްޗަށް ކުރި ހޯދައި އެޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުން ގެނެސްފިއެވެ.

ސްޕެއިނުން ވަނީ ބަލިނުވެ 43 މެޗު ފުރިހަމަކޮށްފައެވެ. ރޭގެ މެޗުގެ ކުރިން ސްޕެއިން އެންމެފަހުން މެޗަކުން ބަލިވީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ގްރޫޕް ސީ ގައި ހިމެނޭ މި ދެ ޓީމު ވެސް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައިވާއިރު، ގްރޫޕްގެ އެއްވަނަ ހޯދީ އިންގްލެންޑުންނެވެ. އެގޮތުން އިންގްލެންޑާއި ސްޕެއިނަށް ވެސް ހަ މެޗުން 15 ޕޮއިންޓު ލިބުނުއިރު، އިންގްލެންޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ސްޕެއިންގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. މި ޕެނަލްޓީ އިންގްލެންޑަށް ލިބުނީ ކޭން އަށް ސްޕެއިންގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި ކޯނަރަކުން ސްޕެއިންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެން އެޒްރީ ކޮންސާ ވަނީ އިންގްލެންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓް ފަހުން ބެން ވައިޓް އިންގްލެންޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 63 ވަނަ މިނެޓްގައި އިންގްލެންޑްގެ މިޑްފީލްޑަރު އެލިއޮޓް އެންޑަސަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. އެންޑަސަނަށް ރަތްކާޑު ދެއްކީ އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ލަމީން ޔަމާލަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު ލިބުނު ޕެނަލްޓީން ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލްއެވެ.

އޭގެ 10 މިނެޓް ފަހުން ނިކޯ ވިލިއަމްސް ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަހު 15 މިނެޓްގައި ސްޕެއިނުން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސްޕެއިނުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އިންގްލެންޑްގެ ގޯލު ރޭ ބެލެހެއްޓި ޖޭމްސް ޓްރަފޯޑްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް