- Advertisement -spot_img

ރޮނާލްޑޯ ބާކީކުރި ޕޯޗުގަލް ޓީމަށް ހިތްދަތި ބައްޔެއް!

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ ޑެންމާކް އަތުން 4-1 އިން ޕޯޗުގަލް ބަލިވެއްޖެއެވެ.

ޕޯޗުގަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ހޮއިބާގް ވަނީ ޑެންމާކަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ރަސްމުސް ހޮއިލުންޑް ޑެންމާކްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 57 ވަނަ މިނެޓްގައި ޑެންމާކްގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ހޮއިލުންޑެވެ.

އަދި މެޗުގެ 75 ވަނަ މިނެޓްގައި ޖޮކިމް އެންޑަސަން ޑެންމާކުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ޕޯޗުގަލްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

އުމުރުން، 41 އަހަރުގެ ރޮނާލްޑޯ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މި މަހުގެ ކުރީކޮޅުއެވެ.

ޕޯޗުގަލްއާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ މުބާރާތް ކާމިޔާބުކުރި ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް އެންމެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.

ގުޅުންހުރި ލިޔުންތައް