- Advertisement -spot_img

ޖޫނިއާ ޤައުމީ ޓޭބަލްޓެނިސް ޓީމު ކަޒަކިސްތާނަށް ފުރައިފި

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026 ގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ ޖޫނިއާ ޓޭބަލްޓެނިސް (ޓީޓީ) ޓީމު ކަޒަކިސްތާނަށް ފުރައިފިއެވެ.

މިއީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ބާއްވާ ވަރަށް މުހިންމު ތަމްރީން ޕްރޮގްރާމެކެވެ.

މި ދަތުރުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގައި ހިމެނެނީ އިބްރާހިމް އަޝްޢަލް އާސިފް، ޢާއިޝަތު އެލީން ޝަފަޚް، ފާޒް އިމްޔާޒް ލަޠީފް އަދި ޢާއިޝަތު ސާރާ އުނައިސް އެވެ. މި ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ފާތިމަތު ޖުމާނާ ނިމާލެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކަޒަކިސްތާނުގެ އަލްމާތީގައި ކުރިއަށްދާ މި ކޭމްޕަކީ ވަރަށް އިންޓެންސިވް ނުވަތަ ވަރުގަދަ ތަމްރީންތަކެއް ހިމެނޭ ޕްރޮގްރާމެކެވެ. އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީންތަކުގައި ކުދިންނަށް އިރުޝާދު ދިނުމަށް ތިބޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު މޮޅެތި ކޯޗުންނެވެ. މި ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ޓެކްނިކަލް ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

މި ސަރަހައްދުގެ ގިނަ ޤައުމުތަކަކުން ބައިވެރިވާ މި ޓްރޭނިންގައި ރާއްޖޭގެ އިތުރުން ތައިލޭންޑް، ޖަޕާން، ސިންގަޕޫރު، ފިލިޕީންސް، މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާ ފަދަ ޓޭބަލްޓެނިސްގައި ކުރިއަރާފައިވާ ޤައުމުތަކުގެ ކުޅުންތެރިން ބައިވެރިވެއެވެ. މީގެ ސަބަބުން އެކި ޤައުމުތަކުގެ ކުޅުންތެރިންނާއެކު މެޗުތައް ކުޅެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.

މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕަކީ ރާއްޖޭގެ ޓީޓީގެ މުސްތަޤުބަލަށް ބަލާއިރު، ޒުވާން ކުޅުންތެރިން ބައިނަލްއަޤުވާމީ ފެންވަރަށް ތައްޔާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް