- Advertisement -spot_img

ހާލު ދެރަވެގެން ފާގަސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ޙާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ނަމަވެސް މިހާރު އޭނާގެ ޙާލު ރަނގަޅު ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. ފާގަސަންގެ ޙާލު ދެރަވެފައި ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ފެށުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބަލަން ފާގަސަން ހުއްޓައި، އޭނާގެ ޙާލު ދެރަވުމުން ވަގުތުން ވަނީ ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.

ޕްރެސް އެސޯސިއޭޝަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވަނީ، އުމުރުން 84 އަހަރުގެ ފާގަސަންގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ޑޮކްޓަރުން ވެސް ފާގަސަން ބަލާފައި ކަމަށާއި، މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފާގަސަންގެ ޙާލު ދެރަވެފައި ވަނީ، ޔުނައިޓެޑުގެ ދަނޑުގައި މެހެމާނުންނާ ބައްދަލު ކުރަމުން ގެންދަނިކޮށެވެ. ދަނޑުގައި ތިބި ބައެއް ސަޕޯޓަރުން އަދި މެޗު ބަލަން އައިސް ތިބި ފަރާތްތަކާ ފާގަސަން ވާހަކަ ދައްކާ މަންޒަރު ފެންނަ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ފާގަސަން އަކީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާއި، ރަށުން ބޭރުގައި ކުޅޭ ގިނަ މެޗު ތަކެއް ބަލަންދާ، އެ ޓީމުގެ ލެޖެންޑެކެވެ.

މީގެ އިތުރުން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ ޙާލު ދެރަވުމާ އެކު، އެންމެ ފުރަތަމަ ފާގަސަން އަށް ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވަނީ ދަނޑުގައި ހުންނަ ރޫމެއްގަ އެވެ. ނަމަވެސް، އިތުރު ފަރުވާ އަށް އޭގެ ފަހުން ފާގަސަން ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް ބުނެފައި ވަނީ، މެޗު ފެށުމުގެ ކުރިން އޭނާ އަށް ޚަބަރު ލިބުނު ކަމަށާއި، އެކަމާ ވަރަށް ދެރަވި ކަމަށެވެ. ކެރިކް އަކީ ޔުނައިޓެޑަށް ފާގަސަން އިރުޝާދު ދިންއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިޔެކެވެ. ކެރިކް ބުނީ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، އެކަމުގެ ސަބަބުން ފާގަސަން އަށް އުފާވެރިކަން ލިބޭޏެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފާގަސަން އަކީ ޔުނައިޓެޑުގެ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު އިޙްތިރާާމް އަކާއި، ޤަދަރެއް އޮންނަ ލެޖެންޑެކެވެ. އޭނާ އަކީ ޔުނައިޓުޑުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ.

ގުޅުންހުރި ލިޔުންތައް