މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕަށް ދާއިރު ރާއްޖެއަކީ ފެވަރިޓެއް ކަމަށް ބުނުމަކީ އެހާ ރިއަލިސްޓިކް ވާހަކައަކަށް ނުވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރުބާނީ ބުނެފިއެވެ.
އުރުބާނީ އެހެން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ގައުމީ ޓީމުން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ކުރިން މާލޭގައި އެއް ފަރިތަކުރުން ކުރިއަށް ގެންދިޔައެވެ. ގައުމީ ޓީމުން އާދީއްތަ ދުވަހު ޗައިނާއަށް ފުރާފައިވާ އިރު، މިފަހަރު ކުޅޭ ތިން މެޗަކީ ޗައިނާގައި އެގައުމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ކިރިގިސްތާނުގައި އެގައުމާ ދެކޮޅަށް އަދި ލުބުނާނާ ދެކޮޅަށް ކުޅޭ ދެމެޗެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ މިހާރު ފުޓުބޯޅައިގެ ހާލަތު އޮތީ ބަދަލުވެފައިވާ ކަމަށެވެ. ކުރިން 2009 ވަނަ އަހަރު އުރުބާނީގެ ކޯޗުކަމުގައި ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ގޮސްފައިވާ އިރު، އެފަހަރު އިންޑިއާ ކައިރިން ބަލިވީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ސަރަހައްދީ ގައުމުތަކުންވެސް ވާދަވެރި މެޗުތަކަށް ތައްޔާރުވެފައިވާ އިރު، މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ އިންޑިއާއާއި ޕާކިސްތާނުންވެސް ވަނީ ވާދަވެރި މެޗުތަކެއް ރާވައިފައެވެ. އެގޮތުން ޕާކިސްތާނުން އާސިއާން ކަޕްގައި ވާދަކުރަން ނިންމާފައިވާ އިރު، އިންޑިއާއިން ކުޅޭނީ އުރުގުއާއީއާއި ޕެނަމާގެ އިތުުރުން ބްރެޒިލާ ދެކޮޅަށެވެ. އެމެޗުތަކަށް ބަލައި، މިހާރު އެގައުމުތަކަށް ގްރޫޕްގައި ރާއްޖެއަށްވުރެ ފުރުސަތު ބޮޑުތޯ އެހުމުން އުރުބާނީ ބުނީ، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއީ ކަމަށެވެ.
”މި ކުޅިވަރުގައި އިމްޕޮސިބަލްއެކޭ ނުބުނާނެ. އެއީ ފުޓުބޯޅައިގެ ހިތްގައިމު ކަމަކީވެސް. އަހަރެން ދެން ބޭނުމެއް ނޫން ކުރިން ކޯޗުކަން ކުރިއިރު އެ ހޯދުނު ކާމިޔާބީތަކުގެ ވާހަކަ ދައްކާކަށްވެސް. އެކަމަކު 2009 ވަނަ އަހަރު އަހަރެމެން މި ސަރަހައްދުގެ ހުރިހާ ޓީމަކަށް ބޭނުން ގޮތެއް ހެދިން. އިންޑިއާވެސް އަހަރެމެން ކައިރިންވީ މޮޅަކީ ޕެނަލްޓީގައިވީ މޮޅެއް. 2013 ވަނަ އަހަރު ލަންކާ ކޮޅަށް 10 ގޯލްވެސް ޖެހި. ޑޮމިނޭޓް ކުރިން. ދެން މިފަހަރު އިންޑިއާއަކީ ސާފްގެ ފެވަރިޓެއް. އަދި ބަންގްލަދޭޝްވެސް އެހެން ކިއިދާނެ. ދެން ޕާކިސްތާނުން ޓެކްނިކަލީ އެ ތައްޔާރުވަނީ ވަރަށް އަވަހަށް ވޯލްޑް ކަޕަށް ދާން. އެކަމަކު އަހަރެމެންނަނަށް އެއީ މިހާރު ރިއަލިސްޓިކް ކަންކަމެއް ނޫން. އެ ޓާގެޓާއި އެ ހުވަފެންތަކުގެ ވާހަކަ ދެއްކުމަކީ މިހާރު ރިއަލިސްޓިކް ވާހަކައެއް ނޫން. އަހަރެމެން އެވާހަކަ ދައްކަން މިހާރަށްވުރެ ރަނގަޅު ފެސިލިޓީސް އެބަ ހޯދަން ޖެހޭ. ކުޅުންތެރިން ގުރުބާން ވެގެން އެ ކުޅެނީ. ދަނޑުގެ ހާލަތުން،“ ސާފް ޗެމްޕިއަންޝިޕްގެ ފުރުސަތާ ގުޅޭގޮތުން އުރުބާނީ ބުންޏެވެ.
ބަންގްލަދޭޝްގައި މިއަހަރު ނޮވެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަކީ ނޮވެންބަރު ފަސްވަނަ ދުވަހު އިންޑިއާއާއި ޕާކިސްތާން ވާދަކުރާ މެޗެވެ. ހުރިހާ މެޗެއްވެސް ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވާ އިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ނޮވެންބަރު 8 ވަނަ ދުވަހުއެވެ. އެއީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ.
ރާއްޖޭގެ ދެވަނަ މެޗު، 11 ނޮވެންބަރު މެންދުރުފަހު ރާއްޖެ ގަޑިން 2:30 ގައި އޮންނާނީ އިންޑިއާއާ ދެކޮޅަށެވެ. ރާއްޖޭ ގްރޫޕްގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ. ރާއްޖޭން މިފަހަރު މުބާރާތުގެ ގްރޫޕް ބީގައި ހިމެނިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީވެސް ތިން ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ހޯސްޓް ބަންގްލަދޭޝްއާއި ބޫޓާން އަދި ސްރީ ލަންކާއެވެ.



