- Advertisement -spot_img

ހުޅުމާލޭ ވޯޓަރ ތީމް ޕާކުގެ މަސައްކަތް 9 އަހަރަށްފަހު އަލުން ފަށައިފ

އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އައު މާސްޓަރ ޕްލޭނަކާއެކު އަލުން ފަށައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދޭ ގޮތުގައި، 2017 ވަނަ އަހަރު ފެށުމަށްފަހު މަޑުޖެހިފައި އޮތް މި މަޝްރޫޢު އަލުން ފަށާފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓް ހޮޓަލަކާއެކު ތަރައްޤީކުރާ ފުޅާ މަޝްރޫޢެއްގެ ގޮތުގައެވެ. ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.

ޖުމްލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢު ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ވޯޓަރ ތީމް ޕާކާއި ’ވޯކޯ ރިސޯޓް ހޮޓެލްއެވެ.

ވޯޓަރ ތީމް ޕާކުގައި ހިމެނޭ ބައިތައް: ހުޅުމާލޭ އަތިރިމަތީގެ 17,800 އަކަމީޓަރުގެ ސަރަޙައްދެއްގައި، މޫދާ ގުޅިފައިވާ ގޮތަށް ތަރައްޤީކުރާ މި ޕާކުގައި މައިގަނޑު 11 ވޯޓަރ އެޓްރެކްޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހުންނާނެއެވެ. އޭގެ ތެރޭގައި:

8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، ’ޓޯނޭޑޯ ސްލައިޑް‘ އަދި 290 މީޓަރުގެ ދިގު ’ލޭޒީ ރިވަރ‘ އެއް.

900 އަކަމީޓަރުގެ ’ނިއުމެޓިކް ވޭވް ޕޫލް‘ އަކާއި، 1,900 އަކަމީޓަރުގެ ’ސްޕްލޭޝް ޕެޑް‘ އަދި ’ވޯޓަރ ހައުސް‘.

ކުޑަކުދިންނަށް ޚާއްޞަ ޕޫލްތަކާއި ސްލައިޑްތަކުގެ އިތުރުން، އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ ސްޕާ ޕޫލަކާއި 230 އަކަމީޓަރުގެ ’އިންފިނިޓީ ބަބްލް ޕޫލް‘ އެއް.

މޫދުމަތީގައި އޮންނަ އިންފްލޭޓަބަލް ގޭމްސް، ވިއުއިންގ ޕްލެޓްފޯމް، އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް.

1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތަކާއި، 5 ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން ރެސްޓޯރެންޓާއި މަލްޓިމީޑިއާ ޒޯނާއި ޕާކިންގ ޖާގަތައް.

ވޯކޯ ރިސޯޓް ހޮޓެލް: ތީމް ޕާކާ އިންވެގެން އޮންނަ 23,749.7 އަކަމީޓަރުގެ ބިމުގައި ތަރައްޤީކުރާ މި ރިސޯޓް ހޮޓަލުގައި 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ. މީގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށްދޭ 15 އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ވިލާ މި ތަނުގައި ހުންނާނެއެވެ.

ވިޔަފާރިއާއި އޮފީސް ޖާގަތަކަށް ބަލާއިރު، މި ސަރަޙައްދުގައި 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައަކާއި، ސްޓޯލްތައް ކުއްޔަށް ދޫކުރާ މާކެޓެއްގެ އިތުރުން 6 ފަންގިފިލާއާއި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

ހުއްޓިފައި ހުރި ބޮޑެތި މަޝްރޫޢުތަކަށް އައު ދިރުމެއް: ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަލުން ފެށުމަކީ، ހުޅުމާލޭގައި ދިގުލައިގެން ގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މިގޮތުން، 21 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް މަޝްރޫޢު ނިންމައި މިހާރު ޚިދުމަތް ދެމުންދާއިރު، 2017 އިން ފެށިގެން ހުއްޓިފައި އޮތް ’ރީތިގަސް‘ މަޝްރޫޢާއި ’ދި ގާޑަން‘ މަޝްރޫޢުވެސް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ނިޒާމުތައް މަރާމާތުކޮށް، ވަރަށް އަވަހަށް ބޭނުންކުރަން ފެށުމަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް