ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ 4 ބައި-އިލެކްޝަން، ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންނ ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށްދާނީ، ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ އެމްޑީޕީގެ 1 ކެންޑިޑޭޓާއި ޕީއެންސީގެ 1 ކެންޑިޑޭޓެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ޕީއެންސީގެ 1 ކެންޑިޑޭޓެވެ. އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީގެ 1 ކެންޑިޑޭޓާއި އެމްޑީޕީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި އެމްޑީޕީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ.
މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ. ވަށަފަރު އަދި ވ. ތިނަދޫގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒު ހުންނާނީ އެ ރަށެއްގެ ސްކޫލުގައެވެ. އަދި ސ. ހުޅުދޫގައި ޤާއިމުކުރާ ވޯޓުލާ 3 މަރުކަޒު ހުންނާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. އަދި މާލޭގައި ޖަމާލުއްދީން ސްކޫލުގައި ވޯޓުލާ 4 މަރުކަޒުގެ އިތުރުން ހުޅުމާލެ ފޭސް 1، ސީ.އެޗް.އެސް.އީ ހޯލްގައި 1 މަރުކަޒު ޤާއިމްކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މި ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.
ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ބައި-އިލެކްޝަނާގުޅޭ މަޢުލޫމާތު ދިނުމަށާއި އޮފިޝަލުން އަމަލުކުރަންވީ ގޮތާގުޅޭ ގޮތުން ޢަމަލީ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލެހެއްޓުމުގައި ބައިވެރިވާ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް އޮންލައިންކޮށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. މި ބައި-އިލެކްޝަނުގައި 100އަށްވުރެ ގިނަ ފަރާތަކުން މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ބައި-އިލެކްޝަން ކުރިއަށްދާއިރު ހަރަކާތްތެރިވާނެއެވެ.
ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް complaints@elections.gov.mv ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ/މައްސަލަ ހުށަހެޅޭނެއެވެ.
މި ބައި-އިލެކްޝަންތަކަށް ތައްޔާރުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.



