މިއަހަރުގެ ތެރޭގައި ދަޢުލަތުގެ ދަރަނީގެ ބޮޑުބައެއް އަދާކުރެވިފައިވާތީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ ނަތީޖާ އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގެ ”ހަފްތާ 156“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަފާތު 3،000 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބުމަށް މަގުފަހިވާނެ ޕޯޓް މަޝްރޫޢު ފަދަ ބިޔަ މަޝްރޫޢުތަކާއި، ކުޑަ ޚަރަދަކުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ ގިނަ މަސައްކަތްތަކެއް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމުމެވެ. މި މަސައްކަތްތައް ހިނގާނުހިނގާގޮތް ގާތުން ބެލުމަށްޓަކައި، ކަމާބެހޭ ވުޒާރާތަކާއި މާލީ ވުޒާރާ ގުޅިގެން ޚާއްޞަ ’ޕްރޮޖެކްޓް މެނޭޖްމެންޓް ސިސްޓަމެއް‘ ޤާއިމުކޮށް، މަޝްރޫޢުތަކުގެ ކުރިއެރުން ވަޒަންކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރަކީ ތަރައްޤީގެ މަސައްކަތްތަކުގެ ފޮނިމީރުކަން ލިބޭނެ އަހަރަކަށް ވެގެންދާނީ ދަރަނީގެ ބޮޑުބައެއް ދައްކައި މާލީ ޖާގަ ތަނަވަސްކުރެވިފައި ވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ބޭރުން، ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް މިހާރު ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީގެ އަސާސީ ވަސީލަތްތައް ބިނާކުރުމަށެވެ. އެ ދާއިރާއަށް 3.07 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.



