ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމުގެ ގޮތުން، އެ މުއައްސަސާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.
މި ވަސީލަތްތައް ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާޙުކުރީ، ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައެވެ.
ސަވައިލަންސް ޑްރޯން ހަދިޔާކޮށްފައިވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ. ބޮޑީވޯން ކެމެރާތައް ހަދިޔާކޮށްފައިވަނީ އެމެރިކާއިންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތަޢާރަފުކުރި ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
”މީގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަޤުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރެވިގެންދާނެ،“ ދިޔާނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ގިނަ ކަންކަން ރާވާފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ޝަރަފުގެ އެވޯޑުތަކާއި ކުލަތައް ވެސް އެރުވިއެވެ. އެގޮތުން، ކަސްޓަމްސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ”ރައީސުލްޖުމްހޫރިއްޔާގެ ކުލަ“ ހަތަރު އޮފިސަރަކަށް އެރުވުނުއިރު، 20 އަހަރު ދުވަހު ޚިދުމަތްކުރި 29 މުވައްޒަފަކަށް ރަން ބެޖު ލިބުނެވެ. ޚިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ވެސް ލިބުނެވެ.



