- Advertisement -spot_img

ދިވެހި ޙައްޖާޖީންނަށް ދޭ ކޮންސިއުލޭޓް ޚިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފި

ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހީންނަށް ފޯރުކޮށްދޭ ކޮންސިއުލޭޓް ޚިދުމަތް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައި ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ވަޒީރު ޑރ. ޝަހީމް ވަނީ ބަދޫރާ ސަޢީދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވެ، އެކަމަނާގެ ޚާރިޖީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި، ޙައްޖާއި ޢުމްރާއަށްދާ ދިވެހި ޙައްޖާޖީންނަށް ދެވޭ އެހީތެރިކަން ވަރުގަދަކުރުމާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަރައްޤީގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޑރ. ޝަހީމްގެ ވާހަކަފުޅުގައި، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ކޮންސިއުލަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ކޯޑިނޭޝަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީގައި ތިބޭ މުއްދަތުގައި އެހީތެރިކަން ބޭނުންވާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު ތަޢުލީމީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިގޮތުން، ދިވެހި އިމާމުންނާއި ދަރިވަރުންގެ ޢިލްމީ މަޢުލޫމާތާއި، ޢަރަބި ބަހުގެ ޤާބިލުކަމާއި، އިސްލާމީ ތަޢުލީމީ ދާއިރާގެ ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރުމުގައި ކޮންސިއުލޭޓުގެ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް