- Advertisement -spot_img

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަށް އޮތް 3 މަހު އާ ފުރުޞަތުތަކެއް

އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްޤީ ހާސިލުކުރެއްވުމުގެ އަމާޒުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.

މިފަދަ މޭރުމަކުން އެމަނިކުފާނު ޔަޤީންކަންދެއްވާފައި ވަނީ، ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހާމަކުރައްވާފައެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމުގައި އިޢުލާންކުރެއްވިއެވެ. އަދި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް މި ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ޚާއްޞަ، ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު، 3 އަހަރުގެ މުއްދަތަށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށާނީ އައްޑޫ ސިޓީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ޒޯންގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މަޢާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހަމަޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު، ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ (ކަނޑައިދެވޭނެ) ގޮތް ހަމަޖެހިފައިވާކަމަށާ، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް، 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް،1 ޖެނުއަރީ 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގެ ފެހި ސިގުނަލްވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް އަދަށްވުރެ ތަނަވަސްކުރުމުގެ ގޮތުން މިހާރުވެސް މަސައްކަތްތަކެއް ކުރެވޭކަމަށާ، މި ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި، އަންނަ ނޮވެމްބަރު މަހު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެންމެން ޝާމިލުވާ (އިންކްލޫސިވް) މުޖުތަމަޢެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤައުމީ އިޤްތިޞާދުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދީ، އެއްވެސް މީހެއްގެ ޖިސްމާނީ ނުވަތަ އެހެނިހެން ޙާލަތެއްގެ ސަބަބުން ފުރުޞަތުތަކަށް ހުރަސްއެޅުމަށް ޖާގަ ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ އެންމެން ޝާމިލުވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށްދިޔަ ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ގިންތިތައް ހިމެނޭގޮތުން ޝަރަފުވެރި ރަން 5 ވަނަ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ދާއިރާތަކުން 1 ވަނަ ހާސިލުކުރެއްވި އިނާމުވެރިންނަށް މައުރަޒުގެ އިނާމާއި، ފައިސާގެ އިނާމު، އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ދާއިރާތަކަކީ އަމިއްލަ ފަރުދުން ވިޔަފާރިތަކުގެ ދާއިރާ، ޖަމުއިއްޔާ ޖަމާއަތްތަކުގެ ދާއިރާ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ، ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ، އަދި ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މިއަހަރުގެ މައުރަޒު ކުރިއަށްދަނީ ’ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް‘ މި ޝިޢާރުގެ ދަށުންނެވެ. މިދިޔަ އަހަރުގެ މައުރަޒަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއާއި ޢާންމުންގެ ބޮޑު ތަރުޙީބުގެ މައްޗަށް ބިނާކޮށް، މޯލްޑިވްސް އެކްސްޕޯ 2026 ގެ ބައިވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

މި އެކްސްޕޯ ވެފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަޞައްވުރު ޙާޞިލުކުރުމަށް ބޭނުންވާ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމުގެ މުހިންމު މަންސައަކަށެވެ.

”މޯލްޑިވްސް އެކްސްޕޯ 2026“ ރަސްމީކޮށް އިފްތިތާޙުކުރުން އޮންނާނީ 2026 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ ރެއެވެ. 7 ޑިސްޓްރިކްޓްއެއް ހިމެނޭ ގޮތަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި 9 ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް