ފާއިތުވި އާދީއްތަދުވަހު ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި އާއިޝަތު މާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މާޙިދާއަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމުގައި ހުރި މުވައްޒިފެކެވެ. މާޙިދާ ނިޔާވުމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ ތަޢުޒިޔާ ކިޔާފަ އެވެ. އެ އިދާރާގެ ވަޒީފާއާ އޭނާ ގުޅުނުފަހުން ނުވަ މަސް ފާއިތުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މާހިދާ ނިޔާވުމާ ގުޅިގެން މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްްވި މެސެޖުގައި ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި މޯލްޑިވްސް އިމިގްރޭޝަނުގެ މުވައްޒަަފު އާއިޝަތު މާހިދާގެ އައިލާއަށާއި، އެ އިދާރާގެ މުވައްޒަަފުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.
ރައީސްވަނީ މާހިދާއަށް މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރުކުރެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އޭނާ ލެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ.
މާހިދާ ނިޔާވުމާ ގުޅިގެން އިމިގްރޭޝަނުންވެސް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެއެވެ. އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ގުޅުނީ މީގެ ނުވަ މަހެއްހާ ދުވަސްކުރީން މި އަހަރުގެ ޖަނަވަރީ މަހު ކަމަށެވެ. މި މުއްދަތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޙިދާ އަދާކުރި ދައުރު އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި އާއިލާއަށް ތައުޒިޔާ ފޮނުވައި ކެތްތެރިކަމަށް އެދިފައިވެ އެވެ. މަރްޙޫމްގެ ފާފަ ފެއްސެވުމާއި ޖަންނަތުގައި ލެއްވުން އެދި ދުޢާ ކޮށްފައިވެ އެވެ.
ށ. ފޯކައިދޫއަށް ނިސްބަތްވާ ޒުވާނާގެ ޖަނާޒާ އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް ވަރަށް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓާއި ގުޅިގެން، ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ކުރީން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.



