ސިނަމާލެ ބުރިޖުގެ އެއް ފަރާތުގައި ބަހައްޓާފައި ހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލެ ބުރިޖު ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބުރިޖު އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 2:21 ހާއިރުއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



