- Advertisement -spot_img

އައްޑޫ އާއި ފުވައްމުލަކުގައި އެމްޑަބްލިޔުއެސްސީގެ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކަސްޓަމަރުން ހޭލުންތެރިކުރުވުމުގެ ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އައްޑޫ ސިޓީގެ އިތުރުން ހުޅުދޫއާއި މީދޫ އަދި ފުވައްމުލަކު ސިޓީގައި މި ކެމްޕޭން ފެށީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ ހިދުމަތް ހޯދާ އެންމެހާ ކަސްޓަމަރުން ކުންފުނީގެ ދަފުތަރުގައި ރަސްމީކޮށް ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ބާރުއެޅުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މި ކެމްޕޭނުގެ ތެރެއިން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ފާހަގަކުރިއެވެ. އަދި ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެ ކަންކަމަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަކީ ވެސް މި ކެމްޕޭނުގެ މުހިންމު ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީގެ އަވަށްތަކާއި ހުޅުދޫއާއި މީދޫގެ އިތުރުން ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގައި ހާއްސަ ރޯޑްޝޯތަކެއް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މި ސަރަހައްދުތަކުގެ ކަސްޓަމަރުންގެ މައުލޫމާތު އަދާހަމަކުރުމަށާއި ކުންފުނީގެ ހިދުމަތުގެ ޝަރުތުތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ އޮންލައިން ފޯމެއް ތައާރަފުކޮށްފައިވާ އިރު، މީޓަރުގެ މައުލޫމާތު އަދާހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް