މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ އެންމެހައި މައުލޫމާތުތައް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އާންމުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ ރަސްމީ ވެބްސައިޓުގައި މި މައުލޫމާތުތައް ޝާއިއުކުރުމާއެކު، އެ ކުންފުނި ވެގެންގޮސްފައިވަނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތު ފުރިހަމައަށް ޝާއިއުކުރި ދައުލަތުގެ 5 ވަނަ ކުންފުންޏަށެވެ. އަދި މިއީ މުޅި ރާއްޖޭގެ ދައުލަތުގެ އިދާރާތަކުގެ ތެރެއިން މިގޮތަށް މައުލޫމާތު ހާމަކުރި 42 ވަނަ އިދާރާއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން، މިގޮތަށް ދައުލަތުގެ އިދާރާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރަން ފަށާފައިވަނީ މި ސަރުކާރުގައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފަރާތަކުން އެދުމަކާ ނުލައި، އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު އާންމުކުރުން ލާޒިމުވެއެވެ. އޭގެ ތެރޭގައި އިދާރާގެ ހިންގުމުގެ އޮނިގަނޑާއި، މަސައްކަތްތަކުގެ ތަފުސީލާއި، މާލީ މައުލޫމާތު ހިމެނެއެވެ.
ދައުލަތް ހިންގުމުގެ ނިޒާމަކީ ދެފުށް ފެންނަ، ރައްޔިތުންނަށް ހާމަކަން ބޮޑު ނިޒާމަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި މާއްދާގެ ދަށުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މަސައްކަތް ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ކުންފުނިތަކުންވެސް މި މައުލޫމާތުތައް ފުރިހަމައަށް އާންމުކުރަމުން ދިއުމަކީ ދައުލަތް ހިންގުމުގައި ޖަވާބުދާރީވުން އިތުރުވެ، ދެފުށް ފެންނަ އަދި އިތުބާރު ހުރި ވެއްޓެއް ގާއިމުކުރުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.



