ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް ނިމުމަށްފަހު މުޅި ޕާޓީގެ އަމާޒު ދެން ހިފާނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ވަރަށް ވުރެ ވެސް މާ ފަސޭހައިން 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މިރޭ އެމަނިކުފާނުގެ ހިޔާލުތައް ގެންގޮސް ހުއްޓެނީ މީގެ ހަ އަހަރު ކުރިން ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްއަށެވެ.
26 އޭޕްރީލް 2019 ގައި އެ ޕާޓީން ކޮންގްރެސް ބޭއްވީ ކިރިޔާ 3000 މެންބަރުން ހަމަވެގެނެވެ. އެކަމަކު އެ ދުވަހު ވެސް ޕާޓީގެ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ ’ކޮންގްރެސް ޕާޓީ (ޕީއެންސީ) ވެގެންދާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގޮތް ނިންމާ ޕާޓީއަށް‘ ކަމަށެވެ. އަބްދުއްރަހީމް ވަނީ އެ ކަން ކާމިޔާބުވެ، ވެރިކަންކުރާ ޕާޓީގެ ގޮތުގައި އޮވެގެން ޕާޓީގެ ދެވަނަ ކޮންގްރެސްގައި ވެސް ވާހަކަ ދައްކަވަން ފުރުސަތު ލިބުނީތީ މާތް ﷲއަށް ހަމްދު ކުރައްވައިފައެވެ.
އަބްދުއްރަހީމް ދެން ވިދާޅުވީ އެންމެ 3200 މެންބަރުން ތިބެގެން ރާއްޖޭގެ ވެރިކަމާ ޕީއެންސީން ހަވާލުވެ، މި ކޮންގްރެސްއާ ހަމައަށް 79،364 މެންބަރުންނާ ހަމައަށް މެންބަރުން ގިނަވެގެން ދިޔަ ސަބަބުތަކާ ގުޅޭ ގޮތުން ވިސްނާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ ބޮޑު ސަބަބަކީ ޕީއެންސީއަށް ދިވެހިން އެންމެ މުހިންމު ވުމެވެ. އަދި ޕީއެންސީގެ ވެރިކަން ކުރައްވާ، ރައީސުލްޖުމްހޫރިއްޔާއަކީ ވަތަނީ ލީޑަރަކަށްވުމެވެ.
”މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެންބަރުން ވަންނަނީ ކީއްވެގެންތޯ. ބައިވަރު ސަބަބުތައް ހުންނާނެ. އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންނަށް މުހިންމީ މި ގައުމަށްވުން. އެންމެ މުހިންމީ ދިވެހިންކަން. އަދި މި ޕާޓީގެ ލީޑަރަކީ އެއީ ދިވެހި ގައުމުގެ، ދިވެހި ވަތަނީ ލީޑަރަކަށް ވުމުން. ކޮންމެ ވެލިފުކަކީ ދިވެހިންގެ އަމާނާތެއް ކަން ގަބޫލުކުރާ ލީޑަރަކު ހުރުން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ބޭނުންވާ އަމާންކަމާއި ހިމޭންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާދަތުގެ ދަށުން ޕީއެންސީއަށް ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ވެރިކަމަށް އައިސްގެން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އަމާޒު ހިފަންވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ވަރަށް ވުރެ ފަސޭހައިން ﷲގެ ތަނަވަސް ރަހުމަތްފުޅާއެކީގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދޭން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު ނިކަން ފަލަކޮށް ދަންމަވާލައްވައި އެ ރޮނގު ހުރަސްކުރުމުގެ އިހުތިޔާރެއް ނުވަތަ ފުރުސަތެއް އެއްވެސް އެހެން ބަޔަކަށް ނުދެއްވައި އަމިއްލަ ބާރުގައި ދިވެހިވަންތަ ގައުމެއް ދިވެހީންގެ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޓަކައި ރައީސް މުހައްމަދު މުއިއްޒު އެ ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ..
”މި ކޮންގްރެސް ނިންމާލަމުން އަޅުގަނޑުމެން ދާން ވާނީ 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ކަމަރު ބަނދެގެން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.



