ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތުން ވަގަށް ނަންގަވާފައިވާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތަށް ހޯދިއްޖެ ނަމަ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް މިހާރުން މިހާރަށް ޙައްލެއް ލިބިގެންދާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމުކުރާ ގާނޫނާ ދެކޮޅު ހެދުމަށް ޔާމީން ރިސޯޓުތަކަށް ގޮވާލެއްވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަލާހު ސިފަކުރެއްވި ގޮތުގައި ޔާމީންގެ އެ ގޮވާލެއްވުމަކީ ޤާނޫނާ ހިލާފުވުމަށް ދެވޭ ދައުވަތެއްގެ އިތުރުން ”ކުށަކަށް ދައުވަތު ދިނުން“ ކަމުގައެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން އެމަނިކުފާނުގެ ދަހިވެތިކަމާއި ހަސަދަވެރިކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ. އަދި ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލުމަށް ޔާމީން ކުރައްވަމުން ދާ މަސައްކަތްތަކުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި އަމަލާ ދިމާނުވާ މިންވަރު ހާމަވާ ކަމަށްވެސް ފަލާހު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ފަރާތަކަށް މިއަދުވެސް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ މުޅި ގައުމު އެކަމާމެދު ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހުގެ ދަށުން، އޭ ކެޓަގަރީގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލާޒިމުވާނެއެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކިން ނިޒާމުގެ ތެރެއަށް ފައިސާ މާރުކޮށްގެން ކަމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެމްއެމްއޭއަށް މާރުކުރެވުނު ޑޮލަރުގެ 56 އިންސައްތަ ބޭނުންކުރެވުނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށްވެސް ގަވަރުނަރު ވަނީ ހާމަކުރައްވާފައެވެ.
މި ގާނޫނު ފާސްކޮށްފައިވަނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ޓެކްސްތަކުގެ އިތުރުން ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ކުރަންޖެހޭތީ، 40 އިންސައްތަ މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން ބުނަމުންދަނިކޮށެވެ. ނަމަވެސް، ސަރުކާރުން ބާރުއަޅަނީ ޤައުމުގެ ބޭންކިންގ ނިޒާމުގައި ޑޮލަރު ތަނަވަސްކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމަށް މި ބަދަލު މަޖުބޫރު ކަމަށެވެ.



