ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ލިބުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން، ރާއްޖޭގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ރޭ ކުރި އިޢުލާނެއްގައި ބުނީ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ (28 އޮގަސްޓު 2026) އިން ފެށިގެން ކަމަށެވެ.
މި ގެނެވުނު ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި މުއްދަތު އިތުރުކުރުމުގެ ޚިދުމަތަކީ އެއްވެސް ފީއަކާ ނުލައި ފޯރުކޮށްދޭނެ ޚިދުމަތެކެވެ.
އަދި މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ”އިމަރޖެންސީ ޕާސްޕޯޓު“ ދޫކުރުމަށް ވެސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި އިމަރޖެންސީ ޕާސްޕޯޓަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، 01 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ 08 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. މިއީ ވެސް އެއްވެސް ފީއަކާ ނުލައި ދޫކުރާ ޕާސްޕޯޓެކެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ކުއްލި ބަދަލެއް ގެންނަން ޖެހުނީ 2016 ވަނަ އަހަރުން ފެށިގެން ދިވެހި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން، ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށާއި، ސްޓޮކް ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ސެޕްޓެންބަރުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ވަނީ އިމިގްރޭޝަނަށް އަންގާފައެވެ.
މި ބަދަލުތައް ގެނެސްފައިވީ ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ. އަދި މި ބަދަލާ ގުޅިގެން ޕާސްޕޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް އެ އިދާރާއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ފާއިތުވި 10 އަހަރު ދުވަހު ވެސް ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެކެވެ. މިއީ 08 މެއި 2026 ގައި އެ އިދާރާއިން ނެރުނު ނަންބަރު (IUL)94-CBS/94/2026/26 އިޢުލާނާ ހަވާލާދީ، 27 އޮގަސްޓު 2026 ގައި އިމިގްރޭޝަނުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތެކެވެ.



