- Advertisement -spot_img

ޗައިނާ އޮތީ ރާއްޖޭގެ ތަރައްގީއަށް އެހީވާން ތައްޔާރަށް: ސައީދު

ޗައިނާ އޮތީ ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް ތައްޔާރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރ ލިއު ޝިއޯމިންއާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ދަށުން ލިބިދޭ ފުޅާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރުމާ ގުޅޭގޮތުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބެއިޖިންއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ތަރައްގީގައި އިސްކަންދޭ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާތީ، އެކަމާ މެދު އުފާފާޅުކުރައްވާ، އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަޒީރު ސައީދު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް