ޝަރުޢީ ދާއިރާއަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަލީ ޝަފީޤު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުޙޫމް ޢަލީ ޝަފީޤުގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރެއްވިއެވެ.
މީގެއިތުރުން، އެމަނިކުފާނަކީ ދ. މީދޫގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ދީނަށް ލޯބިކުރެއްވި، އަޚްލާޤު ހެޔޮ، އަދި މުޖުތަމަޢުގެ ބޮޑު އިޙްތިރާމެއް ހޯއްދަވާފައިވާ ޤާރީއެއްގެ އިތުރުން އެދުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަލީ ޝަފީޤު ލެހެއްޓެވުން އެދި ދުޢާކުރެއްވިއެވެ. އަދި މަރުޙޫމް ޢަލީ ޝަފީޤުގެ ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީޤު ހިމެނިވަޑައިގަންނަވާކަންވެސް ފާހަގަކޮށްލެވެއެވެ.



