- Advertisement -spot_img

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން: ރައީސް

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފެއްޓެވި “ރައްޔިތުންގެ އަޑު” ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ބައިވެރިވި ބައެއް ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެވެ.

ގިނަ ރައްޔިތުން ފާހަގަ ކުރެއްވީ ބޯހިޔާވަހިކަމަށް އޮތް ގޮންޖެހުމެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ސިޔާސަތު ކަމަށެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން ކަމަށެވެ.

ރައީސް ކުރީން ވެސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވަޢުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަން ފާހަގަ ކުރެއްްވި އެވެ. އެގޮތުން މާލޭ ސަރަޙައްދުގައި 4,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިފައިވާ ކަމުގައި ވިދާޅުވިއެވެ.

އަދި 15 ރަށެއްގައި ހައުސިން މަޝްރޫޢުތައް ފެށިފައިވާ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެށި ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވާފައިވާ ކަމަށެވެ. އަމާޒަކީ އެ މަޝްރޫޢުތައް ދައުރުގެ ތެރޭގައި ނިންމަވާ މައްސަލައަށް ޙައްލެއް ގެނައުން ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް