- Advertisement -spot_img

ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ’ބޭންކް ފަންޑް‘ މިއަހަރު ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

މި އަހަރު 5 ޖަމިއްޔާއެއް ހޮވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިއްދޫ ކުރިމަގާއި ޔުނިޓީ ސްޕޯޓްސް އެކަޑަމީ އާއި ލާމު ފާމާސް އެސޯސިއޭޝަނާއި ބްލޫ ގިލްޑް ފައުންޑޭޝަންގެ އިތުރުން ކަލައިދޫ ވިންގްސްއެވެ. މީގެ ތެރެއިން ދިއްދޫ ކުރިމަގު ޖަމިއްޔާއަށް ފަންޑު ދެނީ، އެ ރަށުގައި ’ހައިވް‘ ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށެވެ.

މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެކެވެ. ޔުނިޓީ ސްޕޯޓްސް އެކަޑަމީއަށް ފަންޑު ދޫކުރީ، އެ ރަށުގައި އި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި ’މާމުލި އިކޯ ޕާކް‘ ތަރައްޤީ ކުރުމަށެވެ.

ފޮނަދު އާއި ގަމުގައި ’ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގހަބް‘ ގާއިމުކުރުމަށް، ލާމު ފާމާސް އެސޯސިއޭޝަނަށް ފަންޑު ދީފައިވެއެވެ. ބްލޫ ގިލްޑް ފައުންޑޭޝަނަށް ފަންޑް ދޫކުރީ، ކަނޑިތީމުގައި ށ. އަތޮޅު ސްކޫލުގައި ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ’މޭކަ ސްޕޭސް‘ އެއް ގާއިމުކުރުމަށެވެ.

ބޭންކް ފަންޑް އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލުތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫޢެއް ހޮވައި ދޭ މާލީ އެހީއެކެވެ. އެގޮތުން ކޮންމެ މަޝްރޫޢަކަށް 200،000ރ. ގެ ހިލޭ އެހީދެއެވެ.

ގައުމީ ބޭންކުން ބުނީ މިފަދަ ފަންޑެއް ދޫކުރުމުގެ މަޤުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް އެހީތެރިވުމަކީވެސް މި ފަންޑުގެ މަޤުސަދެއް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް