- Advertisement -spot_img

ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދަނީ

ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހާރިޖީ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި ހާދިސާއަކީ “ފްރެންޑް 4” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުށިން ފުރައިގެން ތިލަފުށިން ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ހާދިސާއެކެވެ. އެ ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

އެހެންނަމަވެސް އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ކަނޑަށް ގެއްލިފައެވެ.

ގެއްލިގެން ހޯދަމުން ދަނީ ނ. މަނަދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ ތެރޭގައި ހިމެނޭ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދުގެ އިތުރުން ތ. މަޑިފުއްޓަށް އުފަން އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.

ފޮރިން މިނިސްޓްރީން ބުނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިވަގުތު އެންމެ އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. އެގޮތުން ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން އެ މީހުން ހޯދުމުގެ އޮޕަރޭޝަން މެދުކަނޑާނުލައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެންނެވެ. ވައިގެ މަގުން ބެލުމުގެ މަސައްކަތުގައި ޔޫއޭވީ ޑްރޯންގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓްތައް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް