މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫން މަހު އެ އަދަދު ވަނީ 21.3 މިލިއަން ރުފިޔާއަށް އަރައި، ގާތްގަނޑަކަށް 100 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 79.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
ޒަކާތު ފަންޑުން ކުރެވުނު ހޭދަތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް ޖުމުލަ 16.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އޭގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބެހި 13.1 މިލިއަން ރުފިޔާއާއި، ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދޫކުރި 2.5 މިލިއަން ރުފިޔާއާއި، ބޭސްފަރުވާގެ އެހީގެ ގޮތުގައި ދިން 1.3 މިލިއަން ރުފިޔާގެ އިތުރުން ޒަރޫރީ އެހީއަށް ދޫކުރި 62,000 ރުފިޔާއާއި ދަތި ހާލުގައި އުޅޭ ކިޔަވާ ކުދިންނަށް ދިން 6,450 ރުފިޔާ ހިމެނެއެވެ.
ފަގީރުންގެ ބައިގެ އިތުރުން، ޒަކާތު ފަންޑުން އެހެނިހެން ބައިތަކަށްވެސް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އެގޮތުން ”ފީ ސަބީލިﷲ“ މަގަށް 1.4 މިލިއަން ރުފިޔާ، ޒަކާތް ބަލަހައްޓާ ”ޢާމިލުން“ ނަށް 256,000 ރުފިޔާ އަދި ދަތުރުމަތީގައި ހާލުގައި ޖެހޭ ”އިބްނުއްސަބީލް“ އަށް 85,000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ފީ ސަބީލިﷲ މަގުގައި ކުރެވުނު ހަރަދުތަކުގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމާއި އިލްމު ފެތުރުމަށް 806,395 ރުފިޔާ، މަތީ ތައުލީމަށް 626,534 ރުފިޔާ އަދި ޒަކާތުގެ ދާއިރާއިން ދިރާސާކުރުމަށް 54,192 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ސަރުކާރުން ”މޯލްޑިވްސް ޒަކާތު ހައުސް“ އިފްތިތާޙުކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެ، އޭގެ މަންފާ ހައްގުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ފުޅާކުރަމުންނެވެ. ޒަކާތު ހައުސްގެ މައިގަނޑު މަގުސަދަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ އިލްމާއި ހުކުމްތަކަށް އާންމުން ހޭލުންތެރިކުރުވުމާއެކު، ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުމެވެ.



