ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަޠީފް މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ޝަޒްހަތު އެ ކުންފުނީގެ ބޯޑަށް އައްޔަންކުރީ އެކައުންޓިން އަދި މާލީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. އޭނާއަކީ 2017 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު ފުރުއްވަމުން ގެންދަވާ، މާލީ ދާއިރާގެ ފަންނީ ބޭފުޅެކެވެ.
ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމާއި، ބޭސްލައިން ބަޖެޓު ވަޒަންކުރުމުގެ އިތުރުން ޚަރަދުތައް ދިރާސާކޮށް ބަޖެޓު ކޮންޓްރޯލް ކުރުމުގެ ދާއިރާއިން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ފިސްކަލް ހިރާސްތައް ދިރާސާކުރުމާއި، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމުގައިވެސް އޭނާ އިސް ދައުރެއް އަދާކުރައްވައެވެ. ހަމައެހެންމެ، ’ބަޖެޓް ސްޓެޓިސްޓިކްސް ބުކް‘ އާއި ’ފިސްކަލް ރިސްކް ސްޓޭޓްމަންޓް‘ ފަދަ މުހިންމު ލިޔެކިޔުންތައް ތައްޔާރުކުރުމުގައިވެސް އޭނާގެ ބައިވެރިވުން ބޮޑެވެ.
ތައުލީމީ ގޮތުން ޝަޒްހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
އެގްރޯނެޓްގެ ބޯޑަށް އާ މެންބަރަކު އައްޔަންކޮށްފައި މިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޙުސައިން ދީދީ އެ މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްކޮށް އޮތް ދަނޑިވަޅެއްގައެވެ. މި ވަގުތު އެ ކުންފުނި ހިންގުމުގެ އެންމެ އިސް ޒިންމާ އަދާކުރާނެ މެނޭޖިން ޑިރެކްޓަރަކު އަދި އައްޔަންކޮށްފައެއް ނުވެއެވެ.



