އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށް، އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ވަޒީރުގެ އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދެއްވި އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ވަޒީރު ސަޢީދު މަގާމުން ވަކިކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވަނީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ މައްޗަށް ކުރެއްވި އެންމެހައި ތުހުމަތުތަކަށް ދެކޮޅުހައްދަވައި ރައްދު ދެއްވާފައެވެ.
އެގޮތުން ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފަހު ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް އާންމުންނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި އަދަދު މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ޑޮލަރުގެ ދަތިކަން އޮތް ކަމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޮތް ވާހައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމުގައި ފާހަގަކުރައްވަމުން، ޑޮލަރުގެ މައްސަލަ ހައްލު ކުރުން ގާނޫނުން މަތިކޮށްފައި ވަނީ އެ މިނިސްޓްރީއާ ނޫން ކަމަށާއި ގާނޫނުން އެކަން މަތިކޮށްފައި ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއަށް ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.



