spot_img

އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކޮށްލާނެ އާ ޖާގައެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރެވޭނެ އަދި އެކި ޚިދުމަތްތައް ލިބޭނެ އާ ޖާގައެއް ބޭނުން ކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީ.އެލް) އިން މި މަހުގެ 25 ގައި ހުޅުވި އެ ޖާގައަކީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއި ފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށް ދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އަލަށް ހުޅުވި ސަރަހައްދާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެއް އިތުރުވެފައިވެ އެވެ. އެތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވެ އެށެވެ. މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްގެން 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް ތަރައްގީކޮށްފައިވެއެވެ.

މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭނެ ޖާގައެއް ވެސް ހިމެނެއެވެ.

ދަތުރުވެރިންނަށް ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެ ޖާގައިގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް ބަހައްޓާފައިވެ އެވެ. އެ ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ވެލާނާ އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް