- Advertisement -spot_img

ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިންޖުކޮށްފިން: ރައީސް

ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިންޒުކޮށް، އަނިޔާވެރިކަމުގެ ޘަޤާފަތަށް ނިމުން ގެނެސްދެވިފައިވާކަމަށާ، ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނުގުޑާ ޢަޒުމުގައި ކުރެވޭ މި މަސައްކަތްތަކަކީ މިނިވަން ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު އޮތް ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މިނިވަންކަން ފުރިހަމަވަނީ ދާޚިލީ މިނިވަންކަން އޮތް ހިސާބެއް ޔަޤީންކުރެވިގެން ކަމަށާ، އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން ގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތުމާއި، ގޭންގު ކުށްތައް އިންތިހާއަށް އިތުރުވެފައި އޮތްއިރު، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަމަލުތައް އޮތީ ބޮއްސުންލާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މާނަހުރި ގޮތެއްގައި މިމައްސަލަތަކަށް ހައްލު ހޯދައިދިން ފަރާތެއް މީގެ ކުރިން ދިވެހިންނަށް ފެނިފައިނުވާކަމަށާ، ނަމަވެސް އަދުގެ ސަރުކާރުގެ ދާޚިލީ ސިޔާސަތުތައް ބައްޓަންކުރެއްވީ މި މައްސަލަތަކަށް ޙަޤީޤީ ޙައްލު ގެނެސްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ފެނިގެންދަނީ، މިކަމުގެ ނަތީޖާ ނެރެވޭ މަންޒަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނުގުޑާފަދަ ޢަޒުމެއްގައި، ދިވެހިރައްޔިތުންނާއި، މުއައްސަސާތަކާއި، އެކުވެރި ޤައުމުތަކާއި، ޖަމުޢިއްޔާ އަދި ޖަމާޢަތްތައް ގުޅިގެން، ފުރިހަމަ އެއްބާރުލުމާއެކު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވި، މި 3 މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެންދާނެކަމަށާ، މިއީ މިނިވަން ދުވަހެއްގައި، ޙަޤީޤީ މިނިވަންކަން އިޙްސާސްކުރުމަށްޓަކައި ފާހަގަކުރަންޖެހޭނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ދާޚިލީ މިނިވަންކަން ދެމި އޮންނާނީ ފުރިހަމަ މާނާގައި ޑިމޮކްރަސީ ގާއިމުކުރެވިގެންކަމަށާ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚު ދެކެފައި ނުވާ މިންވަރަށް، އަދުގެ ސަރުކާރުން ޑިމޮކްރަސީ މިނިވަންކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި އެކަމުގެމައްޗަށް، ތަފްސީލީ ގޮތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް، އެންމެ ފުރިހަމަ ގޮތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު އަދުގެ ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމުގެ މިސާލުތައް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިންޖުކޮށް، އަނިޔާވެރިކަމުގެ ޘަޤާފަތަށް ނިމުން ގެނެސްދެވިފައިވާ ކަމަށާ، ޑިމޮކްރަސީގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މިނުގައި މިހާރު ތަންފީޒުކުރެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދެއްވާފައިވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެއީ އިސްލާމް ދީނާއި ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ އިމުން ބޭރުނުވާ މޭރަމަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމަ މިމޭރުމުން، ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ވެރިކަން ހިންގުމުގެ ބާރުން، ޝަރުޢީ ދާއިރާއަށް ފޯރުވަމުން ގެންދިޔަ ނުފޫޒު ނިމުމަކަށް ގެންނެވިކަމަށާ، މާލީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާ ގޮތުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މި ރޫޙުގައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2029 ވަނަ އަހަރުގެ ޤަޟާޢީ އަހަރު، ޝަރުޢީ ދާއިރާއިން ފައްޓަވާއިރު، ޖުލައި 25 ވަނަ ދުވަހު އެއްބަސްވުން ގާއިމުކުރެވުނު ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ ބޭނުން ހިފޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ މިނިވަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރުކާރުން އާންމުކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމުގައި ސައްތަ އިންސައްތަ، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ކަށަވަރުކުރީ އަދުގެ ސަރުކާރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ރާއްޖޭގައި ޒަމާންތަކެއް ވަންދެން އުފެދިފައި އޮތް ކޮރަޕްޝަންގެ ވަބާއިން ޤައުމު މިންޖު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މިހާރުވެސް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ސާބިތުކަމާއެކު ޢަދަބު ދެއްވާ، ޤާނޫނީ އިމުގެ ތެރެއިން، އިންސާފު ގާއިމުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަމިއާއެކު ޞިއްޙީ ބޭސްފަރުވާގެ ދާއިރާއިން ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެއްވުމަށް އަދުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެގޮތުން، ރާއްޖޭގައި ޒަމާންތަކެއް ވަންދެން އުފެދިފައި އޮތް މެޑިކަލް މާފިއާގެ ނުފޫޒު ނިމުމަކަށް ގެނެސް، ބޭސްފަރުވާގެ ދާއިރާއިން ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށް ޢަމަލީ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބޭރު ޤައުމަކަށް ބަރޯސާ ނުވެ، އަމިއްލަ ވަޒަނުގައި ތިބެގެން ޞިއްޙީ ފަރުވާގެ ޔަޤީންކަން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދެއްވުމަށް އަދުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް