މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އަހަރެމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށާއި ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ހަމަ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެން ކަމަށާއި މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނެ އަދި އޭނާގެ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށާއި ހަމަ އެ ފަދައިން އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
”ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ދަންނާށެވެ! އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ.“ ޚުޠުބާގައި ވިދާޅުވިއެވެ.
މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށާއި ހުރިހާ ކަމެއްގައި ވެސް އަދި ހުރިހާ ޙާލަތެއްގައިމެ ޢަދުލުވެރިވުމަށް، ކީރިތި ޤުރްއާނުގައި މާތް الله ވަނީ އަމުރުކުރައްވާފައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން އަހަރެމެންނާ ޙަވާލުކޮށްފައިވާ އެންމެހާ މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ސިފަތަކެއް ކަމަށާއި ތިމާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.



