- Advertisement -spot_img

ބޯޑަރުގެ ރައްކާތެރިކަމަށް ކަސްޓަމްސްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރަނީ

ދިވެހިރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައި ވަޒީރު ވިދާޅުވީ، ކަސްޓަމްސް އަކީ ރާއްޖޭގެ އެންމެ ދިގު ތާރީޚެއް އޮތް އެއް މުވައްސަސާ ކަމަށާއި، ޤައުމީ ސަލާމަތް ދެމެހެއްޓުމުގައި އެ މުވައްސަސާއިން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ.

ޚާއްޞަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ކަސްޓަމްސްގެ މުވައްޒަފުން އިޚްލާޞްތެރިކަމާއެކު އަދާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ސަރުކާރުގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބޯޑަރުން މަސްތުވާތަކެއްޗާއި، ޤާނޫނީގޮތުން މަނާކޮށްފައިވާ ގެއްލުންދެނެވި ވޭޕް ފަދަ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ޙައްޤުގައި މިފަދަ އަގުހުރި މަސައްކަތްތައް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު އެރުވިއެވެ.

މުސްތަޤްބަލުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެގެންދާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް މާހައުލެއްގެ ތެރެއިން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތަކަށް ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ. އަދި ކަސްޓަމްސްގެ އެންފޯސްމަންޓްގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ އިތުރަށް ހިމަނައިގެން، މިއަދަށްވުރެ ފުރިހަމައަށް ބޯޑަރުތައް ރައްކާތެރިކުރުމުގެ ބޮޑު ޒިންމާ އަދާކުރުމަށް ފުރިހަމައަށް ތައްޔާރުވެ، ކަމަރު ބަންނާނެ ކަމުގެ ޔަޤީންކަން ވެސް ވަޒީރުގެ މެސެޖުގައި ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް