- Advertisement -spot_img

13 ރަށެއްގައި 2100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން 13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ  ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކަށްކަމަށެވެ. މިއީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްގީކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ބައެއްކަމަށްވެސް ބުންޏެވެ.

މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން މެތަޑަށް ހިންގާ މަޝްރޫޢެކެވެ. މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެއެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެއެވެ.

ހައުސިން ތަރައްޤީކުރާ 13 ރަށް:

ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް

ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް

ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް

ޅ. ނައިފަރު: 300 ހައުސިން ޔުނިޓް

މ. މުލި: 100 ހައުސިން ޔުނިޓް

ދ. މީދޫ: 100 ހައުސިން ޔުނިޓް

ލ. ގަން: 200 ހައުސިން ޔުނިޓް

ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް

ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް

އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް

އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް

އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް

އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް

ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށްވުރެ ގިނަ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މި ސްކީމްގެ ދަށުން ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައެވެ. މި އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށާއި، އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާއެވެ.

ބާކީ %40 ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ. ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭންޖެހޭއިރު، ކާރު ޕާކިންގް ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެއެވެ.

މި މަޝްރޫއުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބައެއް އިނާޔަތްތައް ވެސް އިއުލާނުކޮށްފައެވެ. އެގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގ ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާ ކުރެވޭނެއެވެ. މީގެ އިތުރުން މަޝްރޫއުގެ %20 މަސައްކަތް ނިމުމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރަގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ޑިވެލޮޕަރުންނަށް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް