ސިހުރުހާހޫރައަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަމާއި، އެއީ އިންސާނާގެ އީމާންކަން ފުނޑުފުނޑުކޮށްލާ ޝިރުކުގެ ޢަމަލެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
”ސިހުރުހާހޫރައިގެ ނުބައިކަން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ، ސިހުރުވެރިންގެ ކިބައިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމާއި އެނޫންވެސް ހާލަތްތަކުގައި ސިހުރުވެރިންގެ އެހީތެރިކަން ހޯދުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އެއީ ޙަޤީޤަތެއްކަން ސާބިތުވާ ކަމެކެވެ. ސިހުރަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކާއި، ހަދާ މަންތަރުތަކާއި، ޖަހާ އަކަތަކާއި ގޮށްތަކެއްގެ ސަބަބުން، މީހާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މާތް ﷲ ވަނީ ސިހުރު ހަދާ މީހުންގެ ނުބައިކަމުން ރައްކާތެރިކަމަށް އެދުމަށް އަމުރުކުރައްވާފައެވެ.
ސިހުރުވެރިއަކަށް ވެވެނީ ޝައިޠާނާއަށް ފުރިހަމައަށް ކިޔަމަންވެ، މާތް ﷲ އަށް އުރެދި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވިވަރަކަށް އޭނާގެ ސިހުރުގެ ބާރުގަދަވާކަން ފާހަގަކޮށް، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަން ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި މީހާގެ ނަމާދު ސާޅީސް ދުވަސް ވަންދެން ޤަބޫލުނުކުރައްވާނެއެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ޤަބޫލުކޮށްފި ނަމަ، އެމީހަކު ކާފިރުވެއްޖެއެވެ.
މުޖުތަމަޢުގައި ހުރި ނުބައި އާދަތަކަށް އިޝާރާތްކުރަމުން ޚުޠުބާގައި ބުނީ، ކޮންމެ މުޞީބާތަކީ ސިހުރުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ އާދައެއް ނޫން ކަމަށެވެ. ފެންނަ ހުވަފެނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުންވާ ކަންކަން ކަމަށް ބަލައި ސިހުރުވެރިންގެ ފަހަތުން ދިއުމުގެ ބަދަލުގައި، މާތް ﷲ އަށް ވަކީލުކޮށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ފަރުވާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލަމުން ޚުޠުބާ ނިންމާލާފައިވަނީ، ސިހުރުވެރިންގެ މަކަރާއި ޙީލަތުން ރައްކާތެރިވެ، ދީނީ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކުރަމުންނެވެ.



