އިސްލާމީ މަރުކަޒުގެ އިމާމުކަމުގެ މަގާމުން ހަތް އަހަރަށްފަހު ޝައިހް އިބްރާހިމް ރަޝީދު ހަސަން ވަކިވެވަޑައިގެންފިއެވެ.
ޝައިހް ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ދިގު މުއްދަތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.
”އަޅުގަނޑަށް އިތުބާރު ކުރައްވާ މި މަގާމަށް އައްޔަން ކުރެއްވި ކަމަށްޓަކައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،“ ޝައިހް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ޝައިހް ވަނީ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ނަސޭހަތާއި އިރުޝާދަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން އެކުގައި މަސައްކަތް ކުރެއްވި، އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއް ޝައިހް މުހައްމަދު ލަތީފް އާއި އަލްހާފިޡް ސަލްމާން މުހައްމަދު ލަތީފް، އައްޝައިހް ނަސްރުﷲ އަލީ، އައްޝައިހް އައްމާރު އިލްޔާސް އަދި އަދި އިސްލާމީ މަރުކަޒުގެ މުއައްޒިން އިމާމް އަހުމަދު ރަފީއުއަށް ޝުކުރު ދަންނަވާފައެވެ.
މިހާރު ވަޒީފާ އަދާކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައިކަން ފާހަގަކުރައްވާ ޝައިހް ވިދާޅުވީ މިއީ، ތައުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް، ނިންމި ނިންމުމެއް ކަމަށެވެ.
ޝައިހް އިބްރާހިމް ރަޝީދު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވާފައިވާފައެވެ.



