- Advertisement -spot_img

ސިވިލް ސަރވިސް މުވައްޒަފުން ގަޑި ނުޖެހޭގޮތަށް 30 މިނެޓު ދީފި

ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަރ ޓައިމެއް ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބޭ ގޮތަށް ގަވާއިރު އިސްލާހުކޮށްފިއެވެ.

ބަފަރ ޓައިމްއަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެކެވެ.

ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެކަމަށެވެ. އަދި މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފަރ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެކަމަށާއި، ބަފަރ ޓައިމްގެ ތެރޭގައި ހާޒިރުވާނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ބަފަރ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށެވެ. ބަފަރ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނާފައެވެ. މިސާލަކަށް އޮފީހުގެ ގަޑިޖެހޭ ވަގުތަކީ 8 ޖަހާއިރު ކަމަށްވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 8:15ގައި ނަމަ މަސައްކަތް ނިމޭނީ 2:15އަށެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ މިސްކިތު މުވައްޒަފުންގެ މަސައްކަތުގެ ވަގުތުވެސް ހިމަނާފައެވެ. މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ. އަދި މިސްކިތުގެ މަސައްކަތުގެ މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެއެވެ.

ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓް މިސްކިތުގައި ހޭދަކުރަންވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް