- Advertisement -spot_img

ޒުވާން ޚަތީބުން ތަމުރީނު ކުރުމުގެ 4 ވަނަ ޕްރޮގްރާމުގައި 82 ބައިވެރިން ސަނަދު ހާސިލުކޮށްފި

ޒުވާން ޚަތީބުން ތަމުރީނު ކުރުމުގެ 4 ވަނަ ޕްރޮގްރާމުގެ ބައިވެރިން ދަސްވެނިވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމައި ރޭ ބައިވެރިންނަށް ސަނަދު އަރުވާފައިވާ ކަމަށެވެ.

މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި މިނިސްޓަރު ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްސަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށެވެ.

ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ހާއްސަ މަހާސިންތާ އެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މި މަހާސިންތާ ބޭއްވުމަށް ރޭވެމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން ކަމަށާއި، މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދެވިފައިވާކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުން ކަމަށެވެ. އަދިޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާ ކަމަށާއި އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ޤުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައް އިތުރުކޮށްފައިވާ ކަމަށާއި، މި ވަގުތު 2 ހާހަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް