ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އެ ޕާޓީގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ’ނޭޝަން ޗެޓު‘ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ގުޅިގެން ނެރުއްވާފައިވާ ’ބޮޑު ބަދަލު‘ އެޖެންޑާއަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ މި އެޖެންޑާގައި ހުށަހަޅާފައިވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރު ހިންގާ ވެރިޔަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓުން ހޮވުމަށާއި، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލްތަކުގެ އަޣުލަބިއްޔަތުން އިންތިޚާބުކުރާ ގޮތަށް ނިޒާމު ބަދަލުކުރުމަށް އެ ޕާޓީން ވަނީ ހުށަހަޅާފައެވެ.
މިކަމަށް ރައްދުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވެރިކަން ކުރާ ހިތްވާ މީހުން ގިނަކަމަށާއި، އެކި ނަންނަމުގައި މަގާމުތައް އުފައްދައިގެން ރަސްކަމެއް ގެންނަން ވެސް އެބޭފުޅުން ބޭނުންވެދާނެ ކަމަށެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަން ނިންމާފައިވަނީ ރައްޔިތުން އެ ނިޒާމަށް ހޭލުންތެރިވެ ތިބެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ބަހެއް ނެތި ސަރުކާރުގެ ވެރިޔާ ފަސޭހައިން ބަދަލުކުރެވޭ ފަދަ ބަރުލަމާނީ ނިޒާމެއް ރައްޔިތުން ބޭނުން ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ޔުނިޓަރީ ދައުލަތުގެ ސިފައާއި އެއްބައިވަންތަކަން ގެއްލޭ ގޮތަށް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށް ރައީސް ގަބޫލުފުޅުކުރައްވައެވެ. އަދި މިހާރު އޮތް ނިޒާމު ބަދަލުކުރަން ނުޖެހޭ ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ މިހާރު އޮތް ގޮތަށް ކުރިއަށް ދިޔުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



