ޤައުމެއްގައި ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށާއި، މަދުރަސީ ދައުރުގައްޔާއި އަދި ޔުނިވަރސިޓީ ލެވެލްގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން ވަޒީރު ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢާއި އަޅުގަނޑުމެންގެ ވެށިން ފެންނަންހުރި ކަންކަމާމެދު ޢިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނާން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި ޢިލްމީ މިފަދަ ބަހުސްތަކާއި ވާހަކަތަކަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އެހެންކަމުން އެކި އެކި މައުޟޫޢުތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، އެމްއެންޔޫގެ ޒުވާން ހިންގުންތެރި ޓީމަކީ އެކަމަނާ ފާހަގަކުރެއްވި އަމާޒުތަކަށް ވާސިލުވުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު އަދާކުރައްވަމުންނެވެ.



