އާޝޫރާ ދުވަހަކީ ހެޔޮ ކަމާއި، މާތްކަމާއި، އިބްރަތްތަކުން ފުރިގެންވާ ދުވަހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު އިއްވެވި ހުތުބާގެ މައުޟޫއުއަކީ ”އާޝޫރާ ދުވަސް“އެވެ. އެއީ މި ފެށުނު މުހައްރަމު މަހުގެ 10 ވަނަ ދުވަހެެވެ. ހުތުބާގައި ވިދާޅުވީ، އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި، އެކަލޭގެފާނަށް ތަބާވި މީހުން، މާތްﷲ ސަލާމަތް ކުރެއްވި ދުވަސް ކަމަށެވެ.
އަދި އެއީ ފިރުއައުނާއި އޭނާގެ ބިޔަ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސްކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.
”އެހެންވެ މޫސާގެފާނަށް ތަބާވި މީހުން ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަ ހިފި. މިފަދަ ހާދިސާތަކުގައި ގިނަގުނަ ވެގެންވާ ފިލާވަޅުތަކާއި އިބުރަތްތައް ލައްވައިފައި ވަނީ، މާތްﷲއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުސީބާތްތަކުންނާއި އާފާތްތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންތެރިކަން ހަރުދަނާ ކުރެއްވުމަށްޓަކާ.“ ހުތުބާގައި ވިދާޅުވިއެވެ.
އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، އެ ދުވަހު މާތް ނަބިއްޔާ (ސ.އ.ވ) ރޯދަ ހިއްޕަވައި، އެގޮތަށް އަމަލު ކުރެއްވުމަށް މީސްތަކުންނަށް އެންގެވި ކަމަށެވެ. އާޝޫރާ ދުވަހު ރޯދަ ހިފުމާ ގުޅޭގޮތުން ނަބިއްޔާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނަ ވެސް ހުތުބާގައި ހިއްސާ ކުރެއްވެވިއެވެ.
”އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތްﷲގެ ހަޟްރަތުން ފުުއްސަވައިދެއްވާނެ ކަމެއް ކަމުގައި، ވުމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ.“
އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި ޔަހޫދީންނާއި ހިލާފުވުމަށްޓަކައި، އެ ދުވަހާއެކު، އެއް ދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން ރޯދަ ހިފުމަށް ވެސް ނަބިއްޔާ އަންގަވައިފައިވެއެވެ. އިބްނު ޤައްޔިމް ވިދާޅުވެފައި ވަނީ، އެ ދުވަހު ރޯދަ ހިފުމުގައި ތިން ދަރަޖައެއް ވާ ކަމުގައެވެ. އޭގެތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ އާޝޫރާ ދުވަހުގެ އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖަ އަކީ ނުވަ ވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ގިނަ ހަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖަ އަކީ 10 ވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ.
ހުތުބާގައި އިތުރަށް ބުނީ، އާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލު ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ އަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިއްޔަތުވެ، އަމަލީ ގޮތުން އޭގެތެރެއަށް ވަނުމަށް ހުޅުވައިލައްވައިފަައިވާ ދޮރެއް ކަމަށެވެ.



