ފަތުރުވެރިކަމުގެ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މެފްސީން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސް އަންނަ ސެޕްޓެމްބަރު މަހު ބާސެލޯ ނަސަންދުރަ މާލޭގައި ކުރިއަށްދާނެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަ، ސޭފްޓީ އެންޑް ސެކިއުރިޓީ އިންޑަސްޓްރީޒް (މެފްސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ‘ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް މޯލްޑިވްސް 2026’ އަންނަ ސެޕްޓެމްބަރު މަހުގެ 29 އިން 30 އަށް ބާއްވަން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ނުރައްކާތަކާއި އެ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭހެން 150 އާއި 200 އާ ދެމެދުގެ އަދަދަކަށް މަންދޫބުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި، ސެކިއުރިޓީ މެނޭޖަރުންނާއި، އިންޖިނޭރުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް އަދި އިންޝުއަރެންސް ދާއިރާގެ ބޭފުޅުން ހިމެނެއެވެ.
މި އަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ ‘ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ރައްކާތެރިކުރުން: ނުރައްކާ، ދެމެހެއްޓެނިވިކަން އަދި ފަންނީ ހުނަރު’ މި ޝިއާރުގެ ދަށުންނެވެ. މެފްސީން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސަލާމަތީ ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާކުރުމާއި، އޮޕަރޭޝަނަލް ތައްޔާރީތަކުގެ ފެންވަރު މަތިކުރުމެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ވަކިވަކިން ހުރުމަކީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މާހިރުން މަދުކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ގަވާއިދުތައް ތަންފީޒުކުރުން ބަލިކަށިވުމާއި ތަމްރީނާއި ސަނަދު ހޯދުމުގައި ހުރި ހުރަސްތަކާއި ސިނާއަތުގެ ތެރޭގައި މަޝްވަރާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުން ހިމެނޭކަމަށް މެފްސީން ވަނީ ބުނެފައެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައިވަނީ ދާއިރާގެ ސްޓްރެޓެޖީއާއި ސިޔާސަތުތައް އެކުލަވާލުމަށެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. ދެވަނަ ދުވަހު މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އޮޕަރޭޝަނަލް އަދި ފަންނީ ކަންކަމަށެވެ. މީގެ ތެރޭގައި ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމާއި، ކުއްލި ހާދިސާތަކަށް އިޖާބަދިނުމުގެ އިތުރުން ސަލާމަތީ ކަންކަމުގައި ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ދައްކާލުން ހިމެނެއެވެ. ހަމައެއާއެކު އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ލީޑަޝިޕްގެ ހުނަރު އިތުރުކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވޭނެއެވެ.



