- Advertisement -spot_img

ހިޖުރައިން ލިބިދޭ ފިލާވަޅަކީ ކަންކަން ކާމިޔާބު ކުރުމުގައި ރޭވުންތެރިކަމުގެ މުހިންމުކަން: ޚުތުބާ

ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޙާދިޘާއިން ޢިބުރަތް ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މި ޚުތުބާ ބިނާކޮށްފައިވަނީ ”ހިޖުރައިގެ މަތިވެރި ފިލާވަޅުތައް“ މި މައުޟޫޢުގެ މައްޗަށެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ބިމަކަށް ދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހިޖުރައިގެ އެންމެ ފުން މާނައަކީ މާތް الله ރުހިވޮޑިނުގަންނަވާ ނުބައި ކަންތައްތައް ދޫކޮށް، ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ހިޖުރައިގެ ދަތުރުފުޅުން ލިބޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުންކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާ އެކަލޭގެފާނު އެންމެ ލޯބިފުޅުވި އުފަން ބިމާއި އާއިލާ ދޫކުރައްވައި ކުރެއްވި ހިތްދަތި ދަތުރުފުޅުގެ މައްޗަށް ޚުތުބާގައި އަލިއަޅުވާލިއެވެ. ހަމައެފަދައިން، އުންމު ސަލަމާ އާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ގުރުބާންކުރެއްވި ގޮތަކީ މިއަދުގެ މުސްލިމުންނަށް އޮތް މަތިވެރި ނަމޫނާއެއް ކަމުގައި ބަޔާންކުރިއެވެ.

ކަންކަން ކާމިޔާބު ކުރުމުގައި ރޭވުންތެރިކަމުގެ މުހިންމުކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، ހިޖުރައިގެ ދަތުރުފުޅަކީ ވަރަށް ފުރިހަމައަށް ރޭވިގެން ކުރިއަށްދިޔަ ކަމެއް ކަމަށެވެ. އެގޮތުން އަބޫބަކުރުގެފާނު ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު ފޯރުކޮށްދެއްވުމުގައި ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ މި ރޭވުންތެރިކަމުގެ ބައެއް ކަމުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، ދަތި އުނދަގޫ ވަގުތުތަކުގައި މާތް الله އަށް ވަކީލުކުރުމާއި ސާބިތުވެ ތިބުމުގެ މުހިންމުކަން ވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ވަގުތު، ”މާތް الله ވޮޑިގެންވަނީ ތިމަންމެންނާ އެކުގައޭ“ ވިދާޅުވެ ރަސޫލާ ދެއްވި ޔަޤީންކަމަކީ މިއަދުވެސް ކޮންމެ މުސްލިމަކު ހިތުގެ އަޑީގައި ބަހައްޓަންޖެހޭނެ ފިލާވަޅެކެވެ.

ޚުތުބާ ނިންމާލަމުން، ހިޖުރައިގެ ޒިކުރާ އާކުރާއިރު، އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް، الله އާއި އެކަލާނގެ ރަސޫލާގެ މަގަށް ހިޖުރަކޮށް، އާ އަހަރަކާ ކުރިމަތިލާއިރު ހެޔޮ އަމަލުތަކުގައި ދެމިތިބުމަށް ހުރިހާ ދިވެހި މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް