މާލޭ ޓެކްސީ ލައިނަށް ހާއްސަކޮށްގެން ތައްޔާރުކުރި ”މާލެ ޓެކްސީ“ އެޕް މެދުވެރިކޮށް ވެސް ހިދުމަތް ދޭން ފަށައިފިއެވެ.
ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރީ އެޕްރީލް 2 ގައެވެ. އެ ޚިދުމަތް ފެށީ ޓެކްސީ ބުކް ކުރުމުގެ އިންތިޒާމު ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދޭ ގޮތަށެވެ.
ނަމަވެސް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ވަނީ ”މާލެ ޓެކްސީ“ގެ ނަމުގައި ފަރުމާކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ކަމަށެވެ. އެޕް މެދުވެރިކޮށް ދަތުރުތަކަށް ފައިސާ ވެސް ދެއްކޭނެ އެވެ. އެގޮތުން އެޕްލިކޭޝަންގައިވާ ”ވޮލެޓް“ އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، ”ސްކޭން އެންޑް ޕޭ“ ގެ ޚިދުމަތްވެސް ބޭނުން ކުރެވޭނެ އެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލު ވެސް ފެންނަން ހުންނާނެ އެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުން ކުރެވޭނެ ”އިމަޖެންސީ ފީޗާ“ ވެސް މި އެޕްގައި ހިމެނެ އެވެ. އަދި އެޕްލި މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ. ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާ ނަމަ، އެޕްމެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމު ލިބޭނެ އެވެ.
އެމްޓީސީސީން ބުނީ ޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭ ވެސް ވެބްސައިޓް މެދުވެރިކޮށާއި ”މާލެ ޓެކްސީ“ ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.



